ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ ސްވާން، އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ އެ އަތޮޅު މަޑަވެލީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މަޑަވެލިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށު ހެލްތު ސެންޓަރު ކައިރިއަށް ހޯނޑެއްދުއާއި މަޑަވެލީގެ މީހުން ހިމެނޭ ގޮތަށް 100އަށް ވުރެ ގިނަ މީހުން އެއްވެ މުޒާހަރާ ކުރަމުންދާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ރައްޔިތުން ތުހުމަތު ކުރަނީ އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.
"އޭނާ ހައްޔަރުކުރި އިރު އޭނާއާއެކު އިތުރު ދެ މީހަކު ހައްޔަރުކުރި. އޭނާ ލޯންޗަށް އެރުވި ގަޑީގަ ވެސް ފުލުހުން ގާތުގައި ބުނި ތިމަންނަގެ މެއަށް ތަދެއް އެބަ އަރައޭ. ޖަވާބުގައި ފުލުހުން ބުނީ އޭނާ އެކްޓު ކުރަނީއޭ،" އޭނާ ބުންޏެވެ.

އަބްދުﷲ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މަޑަވެލި ހެލްތު ސެންޓަރު ކައިރީގައި މުޒާހަރާ ކުރަނީ --- ފޮޓޯ/ ކިޔުންތެރިއެއް
ސަންއާ ވާހަކަދެއްކި މީހާ އިތުރަށް ބުނީ، އަބްދުﷲ ހައްޔަރު ކުރި އިރު ބަނދަރު މަތީގައި ތިބި މީހުން އޭނާ ހެލްތު ސެންޓަރަށް ގެންދަން އެދުނު ކަމަށެވެ. ނަމަވެސް ފުލުހުން އެކަމަށް އިޖާބަ ނުދިން ކަމަށެވެ.
މީގެ އިތުރުން، އަބްދުﷲ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ނޫން ކަމަށާއި އޭނާއަކީ ޖިނާއީ ކުށުގެ އަމަލުތައް ހިންގާ މީހެއް ކަމަށް ރައްޔިތުން ވެސް ގަބޫލުނުކުރާ ކަމަށް އޭނާ ބުންޏެވެ.
އަބްދުﷲގެ ހަށިގަނޑުގެ ފޮރެންސިކް ތަހުލީލުތައް ހަދަން ތިނަދުއިން ފުލުހުންގެ ޓީމެއް މަޑަވެއްޔަށް މިހާރު ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެކަމަކު އާއިލާއިން ބޭނުމެއް ނުވޭ މިކޮޅުގަ ހަރަކާތްތެރިވާ ފުލުހުން ލައްވާ ފޮރެންސިކް ތަހުލީލުތައް ކުރާކަށް. ސަބަބަކީ އާއިލާއިން މިކޮޅުގައި މަސައްކަތް ކުރާ ފުލުހުންނަށް އިތުބާރެއް ނުކުރޭ،" އޭނާ ބުންޏެވެ.

އަބްދުﷲގެ ހަށިގަނޑު ލޯންޗަކަށް އަރުވަނީ: އަބްދުﷲގެ ހަށިގަނޑު ތިނަދުއަށް ގެންދަން ފުލުހުންގެ ޓީމެއް މަޑަވެއްޔަށް ގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި --- ފޮޓޯ/ ކިޔުންތެރިއެއް
ފުލުހުން މިރޭ ނޫސްވެރިންނާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާގެ މެއަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުނެވެ.
އޭގެ ސަބަބުން އޭނާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވާ ކަމަށެވެ. އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަބްދުﷲ އަކީ ހޯނޑެއްދޫގެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ ރައީސެވެ.