ބެލްޖިއަމްގެ ފެންވަރު ދައްކާލަން ހަޒާޑް ބޭނުންވަނީ ވޯލްޑްކަޕް ކާމިޔާބުކުރަން

ހަޒާޑް---

ބެލްޖިއަމްގެ ފެންވަރު ދައްކާލުމަށް ވޯލްޑްކަޕް ކާމިޔާބުކުރަން ޖެހޭކަމަށް އެ ޓީމުގެ ކެޕްޓަން އަދި ރެއާލްގެ ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.

ފީފާއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރުގެ ބެލްޖިއަމް ޓީމަކީ އެ ގައުމުގެ ފުޓުބޯޅަ ޓީމުގެ ރަން ޖީލެވެ. އެހެންކަމުން އެ މަގާމު ދެމެހެއްޓުމަށް ވޯލްޑްކަޕް ކާމިޔާބުކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ.

"ޔަގީނުން ވެސް އަހަރެމެންގެ ކިބައިގައި ވަރަށް މޮޅު ޒުވާން ކުޅުންތެރިން އެބަތިބި، އެކަމަކު އަދިވެސް އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވޭ. ހަގީގަތުގައި ވެސް އެ ގޯލްޑަން ޖެނެރޭޝަން ގެ ނަން ހޯދަން ބޭނުންނަމަ، ވޯލްޑްކަޕް ކާމިޔާބުކުރަން ޖެހޭ،" ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ އެ ގައުމުގެ ސަޕޯޓަރުން ރަން ޖީލުގެ ޓެގް ދިނުމުގުގައި ލޮޖިކެއް ވާކަމަށެވެ. މިހާރު ކުރިއަށްވުރެ އަގައުމުގެ ގައުމީ ޓީމު ޒުވާންވެފައި ހުނަރުގެ ގޮތުން މޮޅުކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އެ ޓީމުން ރަނގަޅު ކާމިޔާބީތަކެއް ހޯދާކަމަށް ވެސް ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ އެ ޓީމު ވޯލްޑަކްޕަގައި އަމާޒު ހިފާނީ ތަށްޓަށް ކަމަށެވެ. ނިމިިދިޔަ 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށް ވުރެ މިއަހަރު ވޯލްޑްކަޕުގެ ނަތީޖާ ރަނގަޅުކުރުމަށް މަސައްކަތް ކުރާނެކަމަށް ހަޒާޑް ބުންޏެވެ.

ހަޒާޑް---

"މޮޅު ޓީމެއްގެ ކެޕްޓަނަކަށް އަދި ފުޓްބޯޅައިގެ ބޮޑު ގައުމެއްގެ ކެޕްޓަނަކަށް ވުމަކީ ނަސީބެއް،" ހަޒާޑް ބުންޏެވެ.

އެ ގައުމުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެހެންކަމުން އެ ކުޅުންތެރިންގެ ތަޖުރިބާ ވޯލްޑްކަޕްގައި ބޭނުންކުރެވޭނެކަމަށް ހަޒާޑް ބުންޏެވެ.

އުމުރުން 31 އަހަރުގެ ހަޒާޑަކީ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. ބެލްޖިއަމް ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅޭ ހަޒާޑަށް ފަހަކަށް އައިސް ކުރިމަތިވަމުން އަންނަ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އޭނާގެ އަސްލު ކުޅުން މިހާރު ނުފެނެއެވެ.

ހަޒާޑް ބެލްޖިއަމްގެ ކެޕްޓަން ބޭންޑު ފުރަތަމަ އެޅީ 2015 ވަނަ އަހަރުއެވެ. އޭނާގެ ތިންވަނަ ވޯލްޑް ކަޕަށް ކުރިމަތިލާއިރު ހަޒާޑްގެ އަމާޒަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ނަތީޖާއަށް ވުރެ މިއަހަރުގެ ނަތީޖާ ރަނގަޅުކުރުމެވެ. ބެލްޖިއަމްއަކީ 2018 ވަނަ އަހަރު ވޯލްޑްކަޕްގެ ތިން ވަނަ ޓީމެވެ.

comment ކޮމެންޓް