ޖީއެސްޓީ ބޮޑުނުކޮށްފި ނަމަ އިގްތިސާދަށް ގެއްލުންވާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލު އޮތް ގޮތަށް ފާސް ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވަނީ އިގުތިސާދީ ހާލަތު އެހާ ގޯސް ނޫން ކަމަށް ވާނަމަ ޓެކްސް ނަގަން މި ޖެހެނީ ކީއްވެގެންތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ނުކޮށްފި ނަމަ އިގްސާދަށް ލިބެމުންދާ ކުރިއެރުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ވުމާއެކު އެތެރޭގެ އާމްދަނީ އިތުރު ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އޭރަކު އިގްތިސާދީ ގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން ދަނީ އަޅަމުން ކަމަށެވެ.

"މިސާލަކަށް އޭރު ކޮވިޑާ އެކު ކުރަން ޖެހުނު މަސައްކަތްތައް ވެސް އަޅުގަނޑުމެން ވެސް ހަމަ ކައުންޓަ ފިސްކަލް ޕޮލިސީ، އެކްސްޕޭންޝަނަރަނީ ފިސްކަލް ޕޮލިސީގެ ތެރެއިން އަޅުގަނޑުމެން އެ މަސައްކަތްތަކެއް ކުރިން. އަޅުގަނޑުމެންނަށް ހަމަ ޖެހުނީ ހަރަދުތައް އިތުރުކޮށް، މާކެޓަށް ޕަމްޕުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން. ވިޔަފާރިތައް ބަނގުރޫޓު ނުވެ ވިޔަފާރިތައް ކުރިއަރާދާނެ މަގުތައް ހޯދައިދިނުމަށް،" އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ބޭރު ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު އިންފްލޭޝަން މަތިވެ އެމެރިކާއިން ވެސް ފެންނަނީ އިންޓްރެސްޓް ރޭޓްތައް މަތިވާ މަންޒަރު ކަމަށެވެ.

އޭގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ބާޒާރުން މާލީ އެހީތައް ހޯދުމަށް ވަރަށް ގިނަ ދޮރުތައް ބަންދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ ފާހަގަކޮށްލެވެނީ ނަސީބު ރަނގަޅު ގައުމުތަކުގެ ތެރޭގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ރަނގަޅަށް ކުރިއަރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 41.6 ޕަސަންޓް ކުރިއެރިއިރު މިއަހަރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެކަމަކު ހަމަ ޚަރަދުތައް އެބަދޭ ބޮޑުވަމުން. ރާއްޖޭގެ ގިނަ ރަށްތަކުގައި ބޭސިކް އިންފްރާސްޓްރަކްޗާ މަސައްކަތްތަކެއް އެބަ ގެންދަންޖެހޭ. އެހެންވީމަ އެތެރެއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. މިކަންތައްތަކަކީ ދުނިޔޭގެ ޖަމުއިއްޔާ ޖަމާއަތްތަކުން ވެސް މިހާރު ލަފާ ދޭ ކަންތައްތައް. އައިއެމްއެފް އާއި ވޯލްޑްބޭންކް ފަދަ ތަންތަނުން،" އަމީރު ވިދާޅުވިއެވެ.

އެތެރެއިން އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަން ނުކޮށްފިނަމަ އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިގެން ދާނެ ކަމަށެވެ.

"އެ ހުއްޓާލީމަ ދެން ދިމާވާ ކަމަކީ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރައިދާ މިންވަރު އިތުރަށް ދަށް ވެގެންދާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިހާރު އޮތް ޖީއެސްޓީ އަދި ޓީޖީއެސްޓީއާއި ގުޅޭ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްދިނުމަށް،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑު ކުރާ ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ޖީއެސްޓީއަށް މިހާރު ނަގަމުން އަންނަނީ ހަ ޕަސެންޓެވެ. ޓޫރިޒަމްގެ ދާއިރާއިން ނަގާ ޓީޖީއެސްޓީން މިހާރު ނަގަމުން އަންނަނީ 12 ޕަސެންޓެވެ.

comment ކޮމެންޓް