އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުއެމްޓަން އަދި އާސެނަލް އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށްފިއެވެ.
ރޭ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ނިއުކާސަލް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިފައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްއިން ވަނީ ދެ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 31 ވަނަ މިނެޓިގައި ކަލުމް ވިލްސަން ގޯލު ޖަހައި ލީޑު ނަގައިފައިވާއިރު އޭނާއަށް އެ ބޯޅަ ލިބުނީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއަށް ހެދުނު ގޯހަކުންނެވެ.
އޭގެ ނުވަ މިނެޓުފަހުން މިގޭލް އަލްމިރޯން ވަނީ ގޯލެއް ޖަހައި ޓޮޓެންހަމްގެ ލީޑު ފުޅާކޮށްފައެވެ. ލޮރިސްއަށް ހެދުނު ގޯހެއްގެ ބޭނުންހިފައިގެން އަލްމިރޯންޖެހި ގޯލަކީ މި ސީޒަންގައި އޭނާ ޖެހި ނުވަ ވަނަ ގޯލެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޓޮޓެންހަމްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ހަނިކޮށްފައެވެ.
އެ ނަތީޖާއިން ޓޮޓެންހަމް ބަލިވި ނަމަވެސް 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. އަދި މެޗުން މޮޅުވި ނިއުކާސަލް 21 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.
ރޭ ސައުތުއެމްޓަންގެ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑުނަގައިފައިވަނީ ވެސް އާސެނަލުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އާސެނަލްގެ ބެން ވައިޓްގެ އެހީތެރިކަމާއެކު އެ ގޯލު އެ ޓީމަށް ޖަހައިދިނީ ގްރޭނިޓް ޝަކާއެވެ.
އެ ނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް މެޗުގެ 65 ވަނަ މިނެޓުގައި ސައުތުއެމްޓަންގެ އެލްޔޫނެސީ ދިން ބޯޅަ އަކުން ސްޓުއާޓް އާމްސްޓްރޯންގް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެ މެޗު އެއްވަރުވެގެން ނިމުމުން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި އެއްވަނައިގައި އޮތް އާސެނަލްގެ ދެމެދުގައި އޮތް ފަރަގު ވަނީ ދެ ޕޮއިންޓަށް ކުޑަވެފައެވެ. އާސެނަލް އެއްވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ. އަދި ސިޓީ ދެވަނައިގައި އޮތީ 26 ޕޮއިންޓާއެކުއެވެ. ސައުތުއެމްޓަން ތާވަލުގެ 15 ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.