ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސެވިއްޔާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ރޭ ކުޅުނު އެ މެޗު ރެއާލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފައި ވަނީ ވެސް ރެއާލުންނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ތަނަވަސް ކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެ ގޯލު ޖަހައިފައިވަނީ ލޫކާ މޮޑްރިޗްއެވެ.
އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުމު ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ގޮންޒާލޯ މޮންޓިއާލް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެ ގޯލު ޖަހައިފައިވަނީ އެރިކް ލަމެލާއެވެ.
ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ރެއާލްގެ ލޫކަސް ވަޒްކޭޒް ވަނީ ގޯލެއް ޖަހައި އަލުން ރެއާލްއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ވިނީޝިއަސް ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.
އެ ގޯލު ޖެހިތާ ދެ މިނެޓުފަހުން ރެއާލުން ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ފެޑްރީކޯ ވަލްވާޑޭ އޭރިއާ ބޭރުން ޖެހި ރީތި ގޯލެކެވެ.
އެ މެޗުން މޮޅުވެ ރެއާލް ތާވަލުގެ އެއްވަނައިގައި އޮތީ 11 މެޗު ކުޅެ ލިބުނު 31 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ސެވިއްޔާ އެ އަދަދަށް މެޗު ކުޅެ ލިބުނު 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 14 ވަނައިގައެވެ.
ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 25 ޕޮއިންޓެވެ. އެ ޓީމު މިރޭ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލްއާ ތިން ޕޮއިންޓު ގާތަށް ޖެހިލެވޭނެއެވެ.