ގާސިމް ސަރުކާރަށް: ބަޔަކު ހަމަ އެދޭ އިރަށް އެގޮތަކަށް ދީލައިލައިގެން ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރޭގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ހައްލަކީ "އިކުއިޑިސްޓޭންސް" ގެ އުސޫލު ކަމަށް ބަލައި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރޭގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގައި ހުންނަ، "އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ" (އިޓްލޮސް)ގައި މިހާރު ކުރިއަށް ދާ ދިވެހިރާއްޖެ އާއި ޗާގޮސް (ފޯޅަވަހި)އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ ރާއްޖޭގެ ބިމުގެ އިތުރުން ރާއްޖޭގެ ޖައްވާ ކަނޑުން އެންމެ އިންޗިއެއް ވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ޙައްގެއް، އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއްނޫން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއީ އިން ވަކި ކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާއި، މިދިޔަ ބައިގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު ތަނަކާ ދެމެދު އޮތް ސަރަޙައްދެއް ކަމަށް ވާތީ ކަމަށެވެ.

"އދ ގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެ،" ގާސިމް ވިދާޅުވިއެވެ.

ދިވެހީން އެދިވަޑައިގަންނަވަނީ ދިވެހި ސަރުކާރުން، އިޚްލާސްތެރިކަމާއެކު އެކަމުގެ ކަންކަން ކުރާ ތަން ފެނުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން ފީނެން އޮތް އެންމެ ފުނަކަށް ފީނާ، ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެ" ގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުކޮށްދޭނެ މަންޒަރު، ދިވެހިން ދެކެން ބޭނުންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށެވެ.

"އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް. މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ، މުއާހަދާގެ ދަށުން އެ މައްސަލަ މައުޟޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައަޅާނެ ކަމަށެވެ.

"ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން،" ހުސައިން ވިދާޅުވިއެވެ.

ނަތީޖާއަކަށްވެގެންދާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ އިންތައް ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިޔުން ކަމަށް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ބަދަލުވީ ޗާގޮސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ކަމަށެވެ. އެގޮތުން ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދިނުމަށް ވަނީ ނިންމާފައެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ޞާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ،" ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސިޔާސަތު ބަދަލު ކުރީ އޭގެ ސަބަބުން ރާއްޖެއަށް ފައިދާވެގެންދާނެތީއެވެ.

comment ކޮމެންޓް