ތިނަދޫގައި ކުރިއަށްގެންދާ އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕް ފަށައިފި

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު --- ގާފް ފޮޓޯ/ ސަޖާއަތު އަހުމަދު

ގދ. ތިނަދޫގައި ކުރިއަށްގެންދާ "އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕް" ކުޅިވަރު މުބާރާތް ފަށައިފިއެވެ.

މިކަމަށްޓަކައި ތިނަދޫ ސްޓޭޑިއަމުގައި ރޭ ބޭއްވި ކުލަގަދަ ހަފުލާގައި މުބާރާތުގެ ރަސްމީ ޓޯޗް ރޯކޮށްދެއްވީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާއި، ތިނަދޫއަށް ނިސްބަތްވާ ގައުމީ ލޯންގް ޖަމްޕު ރެކޯޑް ހޯލްޑަރު ނާހިލް ނިޒާރެވެ.

"އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕް" ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ އެެރަށަކީ ކުޅިވަރުގެ ވަރަށްބޮޑު ތާރީޚެއް އޮތް ރަށެއް ކަމަށާއި، މީގެ ފަންސަވީހަކަށް އަހަރުކުރިން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ތިނަދުއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭކަމަށެވެ.

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ގާފް ފޮޓޯ/ ސަޖާއަތު އަހުމަދު

ފުޓްބޯޅަ ފަނޑުވިނަމަވެސް އެތްލެޓިކްސްގައި ތިނަދުއަށް ނިސްބަތްވާ ކުދިން ހިމެނި ކާމިޔާބީތައް ހޯދަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ކުޅިވަރު ތަރައްޤީކުރުމުގެ ގޮތުން ކުޅިވަރު ފެސިލިޓީސްތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، ކުރިއަށްއޮތް ތަނުގައި ޓެނިސް ކުޅޭނޭ ދަނޑެއް އެޅިގެންދާނޭކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ވާހަކަދައްކަވަނީ --- ގާފް ފޮޓޯ/ ސަޖާއަތު އަހުމަދު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، މުޙައްމަދު ޝަރީފް ވިދާޅުވީ ތިނަދޫ ކައުންސިލަކީ ރާއްޖޭގެ އެހެން ކައުންސިލްތަކަށް ހުރި ނަމޫނާ ކައުންސިލެއް ކަމަށެވެ.

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ތިނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ވާހަކަދައްކަވަނީ --- ގާފް ފޮޓޯ/ ސަޖާއަތު އަހުމަދު

މި މުބާރާތުގެ ކަންކަން ކުރިއަށްގެންދިއުމަށް ކައުންސިލުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މިފަހަރުގެ އެތްލެޓިކްސް މުބާރާތަކީ 2014 ގެ ފަހުން ތިނަދޫގައި ޖޫނިއާ އެތްލެޓިކްސް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލް ބައިވެރިވާއިރު، ޖުމްލަ 1057 އެތުލީޓުން ވާދަ ކުރާނެއެވެ.

އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބޭއްވި ނަމަވެސް މުބާރާތުގެ އިވެންޓްތައް ކުރިއަށްދާނީ މިއަދު ހެނދުނުން ފެށިގެންނެވެ. މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް