ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކޮށްދިނުމަށް ސިޔާމް ގޮވާލައްވައިފި

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

އެމްޑީއޭގެ ރައީސް މިގޮތަށް ގޮވައިލެއްވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތޯބުގައެވެ. ސިޔާމް ވިދާޅުވީ، ޒުވާނުންނަކީ މުޖުތައުމައުގެ ހިތް ކަމަށާއި، އެއީ ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ފަހުލަވާނުންކަމަށެވެ.

"ރާއްޖޭގެ އިޤްތިޞާދުގެ އިންޖީނު ހިންގައިދޭ ހިތްވަރުގަދަ މަސައްކަތްތެރިންނަކީ ޒުވާނުންކަމަށް ވީހިނދު، ޒުވާނުން އަޒުމް ކަނޑައަޅަންވީ ކޮންމެ ހާލަތެއްގައިވެސް ހަރުދަނާ، ކެރޭ އަދި ޒިންމާދާރު ބައެއްކަމުގައި ވުމަށް. އަދި ޤައުމީ ލޯބި އިސްކޮށް، ހުރިހާ ކަމެއްގައިވެސް ޤައުމަށް ވަފާތެރިބަޔަކު ކަމުގައި ޒުވާނުން ވާންޖެހޭ،" ސިޔާމް ވިދާޅުވިއެވެ.

ޒުވާނުންގެ ޤައުމީދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ސިޔާމް ވަނީ ގޮވާލައްވާފައެވެ. ވަކިން ޚާއްސަކޮށް މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިތިބި އެތައްހާސް ޒުވާނުންނެއް ފަރުވާގެ އެހީއަށް އެދި އާދޭސް ކުރަމުންދާއިރު، އެފަދަ ޒުވާނުން އަނބުރާ މުޖުތަމައުގެ ތެރެއަށް ނެރުމަށް ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ މިހިނދުން މިހިނދަށް ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ހިތޯބުގައި އެމްޑިއޭގެ ރައީސް ވަނީ އިޤްތިސާދީގޮތުން ހަރުދަނާ ބަޔަކަށް ވުމަށްޓަކައި، ހުރިހާ ޒުވާނުން ވެސް ވަޒީފާއަށް ނިކުތުމަށް ގޮވާލައްވާފައެވެ. އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު މިހާހިސާބަށް ގެނެސްދެއްވީ ނުހަނު ބުރަ މަސައްކަތުން ކަމަށް ވީހިނދު މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައި އޮތީ އެމަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމުގެ ޒިންމާކަމަށް ސިޔާމް ވިދާޅުވިއެވެ.

"ހުރިހާ ޒުވާނުންނަކީވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ، އިސްލާމް ދީނުގެ މަތިވެރި ނޫރު މި ބިމުގައި ވިދަވިދާ ހުންނާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ގަދައަޅާ މަސައްކަތްކުރާ ބަޔަކަށްވުމަށް އަޅުގަނޑު ވަޞިއްޔަތްކުރަން،" ސިޔާމް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

comment ކޮމެންޓް