ޒުވާނުންނަށްޓަކައި ކަންކަން ކޮށްދިނީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް --- ފޮޓޯ/ ރައީސް އޮފީސް

ޒުވާނުންނަށްޓަކައި މި ސަރުކާރުން ކޮށްދިން ކަންތައްތައް ކޮށްދިނީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ޞާލިޙު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގައި ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފް ކޮށްދެއްވި ކަންކަން ކޮށްދެއްވީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދުނުމަށް ކަމަށެވެ.

އެގޮތުން ހިލޭ ޑިގްރީއާ ސްކޮލަޝިޕް ފުރުސަތުތަކާއި މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާއި ކުޅިވަރު ދަނޑުތައް އަދި އެސްއެމްއި ލޯނުތައް ތައާރަފް ކުރެވިފައިވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ތައާރަފް ކުރި ކަންތައްތަކުގެ ތެރެއިން ހިލޭ ފުރަތަމަ ޑިގްރީ ދިނުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެ ޕްރޮގްރާމުގެ ދަށުން ކިޔަވައިދޭން ފެށީ 2019 އަހަރުގެ ކުރީކޮޅެވެ.

އެކަމާ ބެހޭގޮތުން އެންމެ ފަހުން ރައީސް ޞާލިޙު ވަނީ ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000 އަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ.

ހިލޭ ޑިގްރީ ހިމެނޭހެން، އެމަނިކުފާނު ވިދާޅުވީ އެފަދަ ހުރިހާ ކަމެއްވެސް ތައާރަފް ކުރީ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ކަމަށެވެ.

ގައުމީ ޒުވާނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހުގެ ގޮތުގައި ކަނޑައެޅީ މި ވެރިކަމުގައެވެ.

އެގޮތުން 2020ވަނަ އަހަރުން ފެށިގެން ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާނީ އޮކްޓޯބަރު 22ވަނަ ދުވަސް ކަން ކަނޑައެޅީ 2019ވަނަ އަހަރު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައެވެ.

ޒުވާނުންގެ ދުވަސް މިއަދަށް ހެދީ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހަކީ މީގެ 15އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރި ތާރީޚު ކަމަށްވާތީއެވެ.

އޭގެ ފަހުން އިންތިޚާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު އުރުމުން 18އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރަމުން ދިޔަ ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކުރަައްވާފައެވެ.

އެގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ 1992ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.

ހަމައެއާއެކު ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައެވެ.

އޭގެ ފަހުން މި ދުވަސް ފާހަގަކުރަމުން ގޮސްފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް