ސައޫދީއަަށް ސާޅީހަކަށް އަހަރު ބޭކާރު ގޮތުގައި ހޭދަ ކުރެވިއްޖެ، ދެން އެހެނެއް ނުވާނެ: ތެލާބެހޭ ވަޒީރު

ސައޫދީ ތެލާބެހޭ ވަޒީރު ޕްރިންސް އަބްުދުލްއަޒީޒު ބިން ސަލްމާނު

ރިޔާޟު (20 އޮކްޓޯބަރު 2022) : ސައޫދީ އަރަބިޔާއަށް 40 ވަރަކަށް އަހަރު ބޭކާރު ގޮތުގައި ހޭދަކުރެވިއްޖެ ކަމަށާއި މި މުއްދަތުގައި އަމިއްލަ އުފެއްދުންތަކާއި ސިނާއަތަށް އިސްކަން ދެވުނުނަމަ ސައޫދީ މިހާރު އޮންނާނީ ޗައިނާއާއި އިންޑިއާފަދަ ސިނާއީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރުގެ ގައުމެއްގެ ގޮތުގައި ކަމަށް އެ ގައުމުގެ ތެލާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާނު ވިދާޅުވެއްޖެއެވެ.

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނު ފައްޓަވާފައިވާ ގައުމީ ސިނާއަތާބެހޭ ސްޓްރެޓެޖީ އާ ބެހޭގޮތުން ރިޔާޟުގައި ބޭއްވި ޑައިލޮގެއްގައި ވާހަކަ ދައްކަވަމުން ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާނު ވިދާޅުވީ ސިނާއީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުންނާ އަދި އެކިއެކިފަންނުތައް ކުރިއަރުވައި ތަރައްގީކޮށް ސައޫދީ ރައްޔިތުން އެކަންކަމަށް އަހުލުވެރިކުރުވައިގެން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްނުކޮށް ސައޫދީއަށް ސާޅީހަކަށް އަހަރު ބޭކާރުކޮށްލެވިއްޖެ ކަމަށާއި މިއީ ވަރަށް ދެރަކޮށް ހިނގައިދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވިގޮތުގައި ސައޫދީން ދެން ވަގުތުތައް ބޭކާރެއް ނުކުރާނެއެވެ. ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނު ފައްޓަވާފައިވާ ގައުމީ ސިނާއަތާބެހޭ ސްޓްރެޓެޖީ ބިނާކޮށްފައިވަނީ ހުރިހާ ދާއިރާތަކެއްގައި ވެސް އުފެއްދުންތެރި ސިނާއީ ގައުމަކަށް ސައޫދީ ވުމުގެ މައްޗަށާއި އެކިއެކި ފަންނުތަކަށް ސައޫދީ ރައްޔިތުން އަހުލުވެރި ކުރުވައި އެ މީހުން މަސައްކަތުގެ މައިދާނަށް ނެރުމުގެ މައްޗަށެވެ.

މި ކަމަށްޓަކައި ސައޫދީން ޒަމާނުއްސުރެ ގެންގުޅުނު އެތައް ކަންތައްތަކެއް ދޫކޮށްލުމަށްފަހު ޒަމާނާ ގުޅޭ ތަރައްގީވެފައިވާ އުފެއްދުންތެރި ގައުމަކަށް ސައޫދީ ވުމުގެ އަޒުމު ކަނޑައަޅާފައިވާކަމަށް ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާނު ވިދާޅުވިއެވެ.

މާޒީގައި ސައޫދީ ގެންގުޅުނު ޒަމާނާ ނުގުޅޭ ކަންކަމާއި ވަގުތު ބޭކާރުކޮށްލި ގޮތުގެ މާބޮޑު ތަފްސީލެއް ޕްރިންސް އަބްދުލްއަޒީޒު ބިން ސަލްމާނު ނުދެއްވައެވެ. ނަމަވެސް ސައޫދީއަކީ މިހާތަނަށް އެމެރިކާއަށާއި ހުޅަނގު ޔޫރަޕްގެ ބާރުތަކަށް ލަގަން ދޫކޮށްލައިގެން އޮތް ކޮންޒިއުމާ މުޖުތަމައެއްގެ ގޮތުގައި އޮތް ގައުމެއްގެ ގޮތުގައި އަރަބިންގެ ތެރޭގައި ސިފަކުރެވޭ ގައުމެވެ. ސައޫދީގެ ވެރިކަން (އާލު ސައޫދުގެ އާއިލީ ވިރާސީ ރަސްކަމުގެ ނިޒާމު) ހިމާޔަތް ކުރުން އެމެެރިކާއާ ހަވާލުކޮށްފައި ކާލައިގެން އަރާމުގައި ބަނޑު ދަމާލައިގެން ވިސްނުމެއް ނެތި އޮންނަ ގައުމެއްގެ ގޮތުގައި އަރަބިންގެ ތެރޭގައި ސައޫދީ ސިފަކުރެވެމުން ދިޔައެވެ.

މީގެ އިތުރުން ސައޫދީއަކީ ދީނީ ކަންކަން ތަފްސީރު ކުރުމުގައި ވެސް ހަރުކަށި ގޮތްތަކެއް ގެންގުޅެމުން ގެންދިޔަ ގައުމެއްގެ ގޮތުގައި ސިފަކުރެވެމުން ދިޔަ ގައުމެކެވެ. ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނު ވެސް ވަނީ ދީނީ ކަންކަން ތަފްސީރު ކުރުމުގައި ސައޫދީން ހަރުކަށި ގޮތްތަކެއް ގެންގުޅެމުން ދިޔަކަމަށް ކުރިން އެއްބަސްވެ ވަޑައިގެންފައެވެ.

އެކަމުގެ ސަބަބުން ސައޫދީގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއެޅިފައިވާ ކަމަށް ވިދާޅުވެ އެކަންކަން ބަދަލުކުރުމުގެ ސިޔާސަތެއް ގެންގުޅެން ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މުހައްމަދު ބިން ސަލްމާނުގެ މި ސިޔާސަތުގެ ދަށުން ސައޫދީ ސަރުކާރުން ވަނީ އެ ގައުމުގައި ކުރިން ބާރުގަދަ މުއައްސަސާއެއްގެ ގޮތުގައި އޮތް ދީނީ ފުލުހުން (ހައިއަތުލް އަމުރު ބިލް މައުރޫފި ވައްނަހީ ޢަނިލް މުންކަރި) ގެ ބާރު ކަނޑުވާލާފައެވެ.

އަދި ދީނުގެ ނަމުގައި ސައޫދީގައި ކުރިން މަނާކޮށްފައިވާ އެތައް ކަމެއް ކުރުމުގެ ފުރުސަތު މި ސިޔާސަތުގެ ދަށުން ސައޫދީގައި ވަނީ ހުއްދަ ކޮށްފައެވެ. މި ގޮތުން އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުން ހުއްދަކޮށްފައިވާއިރު ސައޫދީ ސްކޫލްތަކުގައި ވަނީ މިޔުޒިކް ކިޔަވައި ދޭން ވެސް ފަށާފައެވެ. އަދި މިޔުޒިކް ދަސްކޮށްދޭ ސްކޫލްތައް ވެސް ހުޅުވައި ފަންނާނުންގެ މުޔުޒިކީ ބޮޑެތި ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ދީ އެފަދަ ހަފްލާތައް ވަނީ ބާއްވަން ފަށާފައެވެ. އަދި ދެ ޖިންސް މަސްހުނިވާގޮތަށް އެއްވުންތައް ބޭއްވުން ވެސް ސައޫދީގައި މިހާރު މަނައެއް ނުކުރެއެވެ.

އަންހެނުން ބުރުގާ އެޅުމަށް ނަސީހަތް ތެރިވިޔަސް އީރާނުގައި އޮންނަ ގޮތަށް ބުރުގާ އެޅުން އަންހެނުންނަށް މަޖުބޫރުކުރުވުމުގެ ސިޔާސަތެއް ސައޫދީގައި މިހާރު ނޯވެއެވެ.

މިހުރިހާ ކަމަކަށްވުރެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އެމެރިކާ ބުނާހާ ގޮތެއް ހަދައިގެން އެމެރިކާގެ ޕަޕަޓެއްގެ ގޮތުގައި ޒަމާނުއްސުރެ ސައޫދީ އުޅުނު އުޅުން މިހާރު ނިމުމަކަށް ގެނައުމުގެ ކުލަވަރު ސައޫދީ ސިޔާސަތުން ފެންނަން ފެށުމެވެ.

މީގެއިތުރުން ތެލަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ސިނާއަތާއި އުފެއްދުންތެރިކަމާއި ފަތުރުވެރިކަން އާލާ ކުރުމުގެ ބިޔަ މަޝްރޫއުތައް ސައޫދީގައި ފަށަމުން ގެންދާ މަންޒަރު ވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ.

comment ކޮމެންޓް