މަގޫދޫ އެއާޕޯޓް އަޅަން 231 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. މަގޫދޫ އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފ. މަގޫދޫ އެއާޕޯޓު އެޅުމުގެ މަސައްކަތް 231 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މަގޫދޫ އެއާޕޯޓު އެޅުމުގެ މަަޝްރޫއޫ އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ އާދަމް އާޒިމެވެ.

އެ އެއްބަސްވުމުގެ ދަށުން 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޕަސެންޖާ ޓާމިނަލް އިމާރާތެއް ހަދައި ކޮންޓްރޯލް ޓަވަރާއެކު ފަޔާ ސްޓޭޝަނެއް ހަދައި، ސަލާމަތީ ވަސީލަތްތައް ގާއިމުކުރާނެއެވެ.

ހަމައެއާއެކު ނެވިގޭޝަނަަލް އިކުއިޕްމެންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި މެޓް އިކުއިޕްމެންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން އެ އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަގޫދޫ އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އާދަމް ހަލީމް (ދޮންބިލެތް) މިއަދު "ސަން"އަށް ވިދާޅުވީ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށި، ރައްޔިތުންނަށް މަންފާވާނެ ގޮތަށް އެ މަސައްކަތް ނިންމޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓް އެޅުމުން އަތޮޅުގެ ހުރިހާ ރަށްތަކަށް ވެސް ފައިދާ ކުރާނެއެވެ.

"އަތޮޅުގެ ކޮންމެ ރަށަކުން 15 މިނެޓް ތެރޭގައި އެއާޕޯޓް އޮންނަ ރަށަށް ދާން ބޭނުންވާނެ. ސަރުކާރުގެ ވިސްނުމަކީ ވެސް އެއީ. އެެހެންވީމަ ގިނަ ރައްޔިތުންނަށް ފަސޭހަތަކެއްވެ، އުފާވެރިކަމެއް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދޮންބިލެތް ވިދާޅުވީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމުން ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

އެ ކުންފުންޏަކީ އަބަދުވެސް މަސައްކަތްތައް ނިންމައި ރައްޔިތުންނާ ހަމައަށް ފުރިހަމަ، މޮޅު މަސައްކަތަކެއް ގެނެސްދޭ ކުންފުންޏަކަށް ވާތީ މަގޫދޫ އެއާޕޯޓް އެޅުމުގެ މަސައްކަތް ވެސް އެމްޓީސީސީން އެގޮތަށް ކުރާނެ ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

comment ކޮމެންޓް