މާލޭ ސިޓީ ކައުންސިލުން ގަސް ވިއްކާ މައްސަލަ އިކޮނޮމިކް މިނިސްޓްރީން ބަލަނީ

ކާނިވާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރަ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މި މަހުގެ އަށްވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ "މާލެ ފެހި"ގެ ނަމުގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފައެވެ. އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.

އެ ކައުންސިލުން ބުނީ އެ ފިހާރައަކީ، ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ގާއިމްކުރި އައުޓްލެޓެއް ކަމަށެވެ.

ކާނިވާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރަ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް އެންޑް މީޑިއާ އޮފިޝަލް، އިސްމާއިލް މާއިޒް މިއަދު "ސަން"އަށް ވިދާޅުވީ ގާނޫނާ ގަވައިދުގެ ތެރެއިން ރެޖިސްޓްރީ ނުކޮށް ކައުންސިލުތަކަށް ވިޔަފާރިއެއް ނުކުރެވޭނެ ކަމަށެވެ.

"މި ކޭސްގަ، މާލެ ސިޓީ ކައުންސިލަކުން ނެތް އަދި ރެޖިސްޓްރީ ކޮށްފައެެއް މިނިސްޓްރީގަ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި އެކަމާ ބެހޭ ނޯޓިސް ކައުންސިލަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމައެއާއެކު، އެ މައްސަލަ ބަލައި ނިމުނުހާ އަވަހަަކަށް ގާނޫނާ ގަވައިދުގެ ތެރެއިން އެ މިނިސްޓްރީން އަޅަން ޖެހޭ ފިޔަަވަޅުތައް އަޅާނެ ކަމަށް މާއިޒް ވިދާޅުވިއެވެ.

"އެހެންވީމަ މިކަމުގަ އަޅުގަނޑުމެންގެ ސްޓޭންޑް ސާފު،" އޭނާ ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރަ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހިންގުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވެސް މީގެ ކުރިން ވަނީ "ސަން"އަށް ވިދާޅުވެފައެެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ކަމަށް ގާނޫނުގައި ލިޔުނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެންނެވެ.

ގާނޫނު އެގޮތަށް އިސްލާހުކުރީ ބަޖެޓުގެ އިތުރުން ކައުންސިލަށް އާމްދަނީ އިތުރުކުރެވޭނެ ގޮތެއް މަގުފަހި ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ކައުންސިލްތަކުން ވިޔަފާރި ކުރާނަމަ، އެ ވިޔަފާރި ކުރަން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އަދި އެ ކުންފުނި އުފައްދައި، އެކަމަށް ހުއްދަ ދޭނީ ރެޖިސްޓާ އޮފް ކޮމްޕެނީސް ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރެޖިސްޓާ އޮފް ކޮމްޕެނީސް މިހާރު އެބަވޭ އާންމު ކޮށްފައި، ކައުންސިލްތަކަށް ކުރެވިދާނެ ވިޔަފާރިތަކުގެ ލިސްޓެއް. ހުއްދަ ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި އާންމުކޮށް އެ ރަށެއްގައި ކުރާ ވިޔަފާރިތައްތޯ ބަލައި. އަދި ރައްޔިތުން ކުރާ ވިޔަފާރިތަކަށް ހުރަސްއެޅޭ މިންވަރު ބެލުމަށްފަހުގައި ހުއްދަ ދޭނީ،" ނިޔާޒް ވިދާޅުވިއެވެ.

ހުޅުމާލެ ދައިރާގެ މެމްބަރު އަލީ ނިޔާޒު -- ފޮޓޯ/ މަޖިލިސް

މާލޭގައި ސައި ހޮޓަލެއް ހިންގުމާއި ކަންމަތީ ފިހާރައެއް ހިންގުން ނުވަތަ ގަސް ވިއްކާ ފިހާރައެއް ހިންގުމަކީ އާންމުކޮށް ކުރާ ވިޔަފާރިތަކެއް ކަމަށާއި ގަވާއިދު އެކުލަވާލާފައިވާނީ އެފަދަ ކަންކަމަށް ހުއްދަ ނުދޭ ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެހެންވީމާ މާލޭ ސިޓީ ކައުންސިލުން މިހާރު އެކުރާ ވިޔަފާރި ކޮން އުސޫލަކުން ކިހިނެއް ކުރާ ކަމެއް ކަމެއް ނޭނގޭ،" އޭނާ ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ބިންތައް އޮންނައިރު އެ ބިންތަކުގައި ގަސް އިންދައިގެން ކައުންސިލަށް ވަރަށް ހެޔޮއަގުގައި އެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ނަމަވެސް އާންމު ރައްޔިތުން އެ ވިޔަފާރި ކުރަން ގިނަ ފަހަރަށް ޖެހެނީ ބިން ކުއްޔަށް ހިފަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލުން އެ ވިޔަފާރި ކުރާނަމަ ރައްޔިތުންނަށް އެ ވިޔަފާރިއާ ވާދައެއް ނުކުރެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހުޅުވި ގަސް ވިއްކާ ފިހާރަ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭ ސިޓީ ކައުންސިލުން "މާލެ ފެހި" އައުޓްލެޓް ހުޅުވާފައިވާއިރު، 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު އެ ފިހާރައިން ލިބެން ހުރެއެވެ.

ޑރ. މުއިއްޒު ވަނީ އެ ޕްރޮގްރާމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހިކުރުމުގެ ގޮތުން ކުރިއަށްދާ މަޝްރޫޢުއެއް ކަމުން، މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް އެ ޕްރޮގްރާމް ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް