ޕާކިސްތާނުގެ ކުރީގެ ބޮޑުވަަޒީރު އިމްރާން ޚާން އެ ގައުމުގެ ނޭޝަނަލް އެސެމްބްލީގެ ހަތް ގޮނޑިއަކަށް ވާދަކޮށް، ހަ ގޮނޑި ކާމިޔާބުކޮށްފިއެވެ.
އިމްރާން ޚާން ހަ ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ސަރުކާރު ހިންގާ ކޯލިޝަނަށް ދެ ގޮނޑި ވަނީ ލިބިފައެވެ.
ޕާކިސްތާނުން ކުރިއަށް ގެންދިޔަ މި އިންތިޚާބުތަކަކީ އޭޕްރީލް މަހު އިމްރާން ޚާން ވެރިކަމުން ދުރުކުރުމަށް އިތުބާރުނެތްކަމުގެ ވޯޓުނެގުމުގެ ސަބަބުން އިސްތިއުފާދެއްވި މެންބަރުންގެ ދާއިރާތަކުގެ ބައި-އިލެކްޝަނެވެ.
އިމްރާން ޚާނަށް ލިބުނު މި ކާމިޔާބީގެ ސިއްރަކީ ޕާކިސްތާނުގައި އޭނައަށް އޮތް ތާއިދު ކަމަށް އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތެހްރީކޭ އިންސާފު ޕާޓީން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ގާނޫނު ބުނާގޮތުން އެއް ކެންޑިޑޭޓަކަށް އެއް ދާއިރާއަށްވުރެ ގިނަ ދާއިރާތަކަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް އެއް ދާއިރާއަށްވުރެ ގިނަ ދާއިރާތަކުގެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ، އެ މީހަކު އެންމެ ބޭނުންވާ އެއް ދާއިރާގެ ގޮނޑި ނޫން ދެން ހުރިހާ ގޮނޑިއެއް ދޫކޮށްލަން ޖެހެއެވެ.
ބޮޑުވަޒީރުކަމުން ވަކިކުރެއްވި ފަހުން އިމްރާން ޚާން އަންނަނީ ޕާކިސްތާނުގެ ވެރިކަންކުރާ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓާ ދެކޮޅަށް ގިނަ އިހުތިޖާޖުތައް ކުރައްވަމުންނެވެ. މި އިހުތިޖާޖުތަކުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވާއިރު، އިމްރާން ޚާން ހައްޔަރުކުރުމަށް އޭނާގެ ބޮލުގައި ގިނަ ތުހުމަތުތަކެއްވެސް ވަނީ އަޅުވާފައެވެ.