ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ "ސްމާޓްކޮމް" އިން ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންތަކަކަށް، ސްޓަޑީ ޓުއާއެއް ދީފިއެވެ.
މިއީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ އަމަލީ މަސައްކަތް އެޗްޑީސީއިން ފެށިތާ އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީއަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ހަރަކާތެވެ.

އެޗްޑީސީއިން ސްކޫލް ދަރިވަރުންނަށް ސްމާޓް ސިޓީ ސްޓަޑީ ޓުވާއެއް ދިނުން-- / ފޮޓޯ އެޗްޑީސީ
މި ސްޓަޑީ ޓުއާގައި 20 ކުދިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވައިދޭ ހަތަރު ސްކޫލުކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ޣާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނެވެ.

އެޗްޑީސީއިން ސްކޫލް ދަރިވަރުންނަށް ސްމާޓް ސިޓީ ސްޓަޑީ ޓުވާއެއް ދިނުން -- ފޮޓޯ: އެޗްޑީސީ
އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދު ތެރޭގައި ހިމެނެނީ ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި، ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ސްކޫލް ދަރިވަރުންނަށް ސްމާޓް ސިޓީ ސްޓަޑީ ޓުވާއެއް ދިނުން-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީއިން ބުނެފައިވަނީ އެ ޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެޒެންޓޭޝަނެއް ދިނުމުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލި ކަމަށެވެ. އަދި ޓެލެކޮމް ޓަވަރުތައް ވެސް ދަރިވަރުންނަށް ދައްކާލި ކަމަށް ބުންޏެވެ.
އޭގެ އިތުރުން އެ ޓްވާގައި ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުން ވެސް ހިމެނެއެވެ. މީގެ އިތުރުން އެޗްޑީސީއިން ބުނެފައިވަނީ އެ ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ވެސް ދަރިވަރުންނަށް ދައްކާލައިފައި ވާނެ ކަމަށެވެ.
އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބާ ޓު ދަ ހޯމް، ނުވަތަ އެފްޓީޓީއެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަން ކުދިންނަށް ކިޔައިދީފައި ވާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ކުރިއަށް ގެންދާ އެހެނިހެން ހަރަކާތްތަކެކޭ އެއް ފަދައިން ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓީއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ މަސައްކަތްތަކެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.