ކުޑައިރުގެ އެކުވެރިކަން، 60 އަހަރު ފަހުން ލޯތްބަށް

ހަޔާތުގެ ބައިވެރިޔާ ތިމާ އާ ކޮންމެ ފަދަ ވަގުތެއްގައި ވެސް ދިމާވެދާނެ ކަމަށް މީހުން ބުނަނީ އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވާތީއެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ކުޑައިރު އެކަކު އަނެކަކާ ވަކިވި ދެ އެކުވެރިން އުމުރުން 94 އަހަރުގައި ކައިވެނިކުރުމުންނެވެ.

ނަން ހާމަކުރުމަށް ބޭނުން ނުވާ ޗައިނާގެ ދެމަފިރިއަކު ވަނީ އެ ދެމީހުންނަށް 94 އަހަރުގައި ލޯބި ހޯދާފައެވެ. މި ވާހަކަ ޚާއްސަ ވާ ސަބަބަކީ މި ދެމީހުންނަކީ ކުޑައިރުގެ އެކުވެރިންނަށް ވުމެވެ.

އިރުމަތީ ޗައިނާއަށް ނިސްބަތްވާ މި ދެމީހުން އުފަންވީ 1926 ވަނަ އަހަރުގައެވެ. ދެމީހުން އެއް ދުވަހެއްގައި ވިހީ ކުޑަ ވަގުތުކޮޅެއްގެ ތަފާތުންނެވެ.

ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގައި ފިރިހެން މީހާގެ ބައްޕަ ފޮޓޯ ސްޓޫޑިއޯއެއްގައި މަސައްކަތް ކުރިއެވެ. ޅަ އުމުރުގައި ދެމީހުން އެކުވެރިންނަށް ވީ މި ސަބަބާ ހުރެއެވެ. އަދި މާ ގިނަ ދުވަސްތަކެއްނުވެ ދެމީހުން ވަރަށް ގާތް އެކުވެރިންނަށް ވެއްްޖެއެވެ. ނަމަވެސް މިހާ ހިސާބުން ދެމީހުންނަށް ދިމާވީ ހިތާމަވެރި ކަމެކެވެ.

އަންހެން މީހާގެ އާއިލާ އެހެން ސަރަހައްދަކަށް ބަދަލުވާން ޖެހުމުން ދެމީހުން އެކަކު އަނެކަކާ ދުރުވާން ޖެހުނެވެ. އެހާ ހިސާބުން ދެމީހުންގެ ކޮންޓެކްޓް އެއްކޮށް ކެނޑުނީއެވެ. އެކަކު އުޅޭ ތަނެއް އަނެކަކަށް ނޭނގެއެވެ. އެގޮތުން ދެމީހުން ދިމާނުވެ 60 އަހަރު ވީ ފަހުން އަލުން ދިމާވެފައިވަނީ 2019 ވަނަ އަހަރުގައެވެ.

ފިރިހެން މީހާއާ އޮޅިގެން އެ އަހަރު ދިމާވަނީ އަންހެން މީހާގެ ފިރިހެން ކޮއްކޮއެވެ. ނަމަވެސް ކޮއްކޮގެ އެހީއާއެކު އޭނާގެ ކުރީގެ އެކުވެރިޔާ އާ ބައްދަލު ކުރަން ދިޔައެވެ. އެންމެ ފުރަތަމަ ފެނުމުން އަންހެން މީހާއަށް އޭނާގެ ކުރީގެ އެކުވެރިޔާއެއް ނޭނގުނެވެ.

"ވަރަށް އުފާވޭ ދެމީހުން ދިމާވީމަ. އޭނާ އާ ދިމާވިއިރު އަހަރެންގެ ކުރީގެ އަންހެނުން މަރުވިތާ އެތައް ދުވަހެއް ވެއްޖެ. އަދި އޭނާ ހޯދަމުން ދިޔައީ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރުމަށް ޕާޓްނަރެއް،" ފިރިހެން މީހާ ކިޔައިދިނެވެ.

ދެމީހުން ދިމާވީ ނަސީބަކުން ކަމަށް އެ ފިރިހެން މީހާ ބުންޏެވެ. އަދި އެއަށްފަހު އުމުރުން 94 އަހަރުގައި ދެމީހުން އެންމެ ފަހުން ކައިވެނި ކޮށް އެކީގައި ހަޔާތެއް ފެށިއެވެ.

comment ކޮމެންޓް