މަސައްކަތުގެ ބޭރުން ވަކީލަކު ކުށެއް ކޮށްފިނަމަ މައްސަލަ ބެލުމުގެ ބާރު ބާ ކައުންސިލަށް ދޭން ފާސްކޮށްފި

ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެ ބިލުތައް ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން--- ފޮޓޯ/ މަޖިލިސް

ގާނޫނީ ވަކީލަކު މަސައްކަތުގެ ބޭރުން ކުށެއް ކޮށްފިނަމަ އެ މައްސަލަ ބާ ކައުންސިލަށް ބެލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ އެ ބިލާއި 2020 ވަނަ އަހަރު ދީފައިވާ ވަކީލުކަމުގެ ހުއްދައޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ވިލިމާލޭ ދާއިރާގެ އެމްއެންޕީގެ މެންބަރު އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލް ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ހުށަހެޅި ގޮތަށް އިސްލާހުތަކާއެކު މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

އެ ދެ ބިލުވެސް ކޮމިޓީން ހުށަހެޅި އިސްލާހުތަކާއެކު ފާސް ކޮށްފައިވަނީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ފުރަތަމަ ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ޚާއްސަ ހުއްދައެއް 2020 ވަނަ އަހަރު ދީފައިވެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނުގައި އެ މީހުން ވެސް ބައިވެރިވާން ޖެހޭނެއެވެ. އެ ދެ ބިލު ފާސްވެގެން ދިއުމާއެކު ޚާއްސަ ހުއްދަ ލިބިފައިވާ މީހުން ބާ އިމްތިހާނު ހަދާކަށް ނުޖެހޭނެއެވެ.

މިއަދު ފާސްކުރެވުނު ދެ ބިލާއެކު ބާ ކައުންސިލްގެ މާލީ ހިސާބުތައް އަހަރަކު އެއްފަހަރު ލައިސަންސްޑް އޮޑިޓަރެއް މެދުވެރިކޮށް، އޮޑިޓް ކުރުމަށް ފަހު އޮޑިޓް ރިޕޯޓެއް އެކުލަވާލަން ޖެހޭނެއެވެ. އަދި ބާ ކައުންސިލަށް ކުރިއަށް އޮތް އަހަރަށް ބޭނުންވާ ބަޖެޓް، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ދައުލަތުގެ މާލީ ކަންކަން ހިންގުމާ ހަވާލުވެފައިވާ ވުޒާރާއަށް ހުށަހަޅަން ޖެހޭނެއެވެ.

އެ ދެ ބިލު ތަސްދީގު ކުރެވި ގާނޫނަކަށް ވުމުން ގާނޫނުގައި ބަޔާން ކޮށްފައިވާ އުސޫލަކާ ނުވަތަ ސުލޫކީ މިންގަނޑެއް ނުވަތަ ވަކީލުންގެ ސުލޫކާއި ޚިލާފުވެއްޖެނަމަ އެ ވަކީލަކާ ގުޅޭ މައްސަލަ ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ. މީގެ އިތުރުން ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ޓަކައި ގެންގުޅެން ވާނެ އުސޫލުތަކާ ޚިލާފު، ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ކަމެއް ވަކީލަކު ކޮށްފިނަމަ އެކަމުގެ ޝަކުވާ ވެސް ހުށަހެޅޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބެއެވެ. އަދި އެފަދަ މައްސަލަތައް ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމުގައި ވެސް އެ ކައުންސިލަށް ބެލިދާނެއެވެ.

އެފަދަ މައްސަލައެއް ބަލާ ހާލަތުގައި މައްސަލަ ބެލުމަށް ބާ ކައުންސިލްގެ ސުލޫކީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ހިމެނޭ ޕެނަލްއެއް އެކުލަވާލުމުގެ ފުރުސަތު އެ ކައުންސިލަށް ލިބޭނެ ކަމަށް ބިލުގައި ބަޔާން ކުރެއެވެ.

އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައެޅިފައިވާ ސުލޫކީ ހަމަތައް ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ވަކީލުންގެ މައްޗަށް ވެސް ހިނގާނެއެވެ.

comment ކޮމެންޓް