ހުޅިދޫ އެއްބަސްވުން އަދިވެސް ސައްހަ، އެއްބަސްވުން ބާތިލުވާ ވަރުގެ ކަމެއް ނުވޭ: ފިޝަރީޒް މިނިސްޓަރު

އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ވ. ހުޅިދޫގައި އެއްވެސް ކަމެއް ކުރިއަށް ނުދާތީ އެ ރަށް ދޫކޮށްފައިވާ ފަރާތާއެކު ސަރުކާރުން ހަދައިފައިވާ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ބުނެ އެ އަތޮޅު ކައުންސިލުންނާއި ރައްޔިތުން ބުނާބުނުން ސަރުކާރުން ދޮގުކޮށްފިއެވެ.

ހުޅިދޫ، އެ އަތޮޅުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި އަތޮޅުގެ ގިނަ ބަޔަކު ވަނީ މި މަހުގެ އަށްވަނަ ދުވަހު ކަނޑުމަތީގައި އަޑުއުފުލައިފައެވެ.

https://sun.mv/168992

އޭގެ ފަހުން ހުކުރު ދުވަހު ހުޅިދޫގައި ވެސް އެ މީހުން ވަނީ އިހުތިޖާޖުކޮށްފައެވެ.

އެމީހުން ބުނަމުންދަނީ ދަނޑުވެރިކަމުގެ ބޭނުމަށް އާރަށް އިންވެސްޓްމެންޓް ކުންފުންޏަށް ސަރުކާރުން ހުޅިދޫ ދޫކުރި އެއްބަސްވުން މިހާރު ހަމަވެފައިވާ ކަމަށެވެ. އަދި މިހާރު އެ އެއްބަސްވުން ބާތިލްވެފައިވާ ކަމަށް އެމީހުން ބުންޏެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެކަމާ ގުޅިގެން އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީީ ބަޔަކު ހަގީގަތާ ޚިލާފު ވާހަކަދެއްކި ނަމަވެސް އާރަށް އިންވެސްޓްމެންޓަށް ހުޅިދޫ ދޫކުރި އެއްބަސްވުން ބާތިލް ނުވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު އެއްބަސްވުން ބާތިލު ވާވަރުގެ ކަމެއް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް-19ގެ ދަތިކަމާ ގުޅިގެން ފަޅު ރަށްތައް ނަގައިގެން އުޅޭ ގިނަ ފަރާތްތަކަށް މަސައްކަތްތައް ފެށުމަށް ލަސްތަކެއް އުޅޭތީ، އެކަމަށް މުއްދަތު ވަނީ އިތުރުކޮށްދީފަ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާރަށް އިންވެސްޓްމެންޓުން ވެސް ކޮވިޑުގައި ދިމާވި ދަތިތަކާ ގުޅިގެން މަސައްކަތް ލަސްވާނެ ކަމަށް އަންގައިފައިވާ ކަމަށާއި އެ ކުންފުނިން އެދިގެން މުއްދަތު ވެސް އިތުރުކޮށްދީފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވަކި މުއްދަތެއްގައި ކުރަން ކަނޑައަޅާފައިވާ ކަމެއް އެ މުއްދަތުގެ ތެރޭގައި ނުވުމުން، އެއީ އެގްރީމެންޓު ބާތިލްވާ ކަމެއް ނޫން ކަމަށެވެ.

އެއްބަސްވުން ބާތިލް ނުކުރާހާ ހިނދަކު އެއީ ސައްހަ އެއްޗެއް ކަމަށާއި ހުޅިދޫ ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުން އޮތީ ވެސް ސައްހަކަން މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެއްބަސްވުން ބާތިލް ކުރުމުގެ އެއްވެސް މަޝްވަރާއެއް ވެސް ކުރިއަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވ. އަތޮޅުގެ ރައްޔިތުން އަންނަނީ ބޭނުމެއް ނުހިފައި ރަށް އެހެން އޮތުމަށް ވުރެ، އަތޮޅުގެ ރައްޔިތުން ދަތުރު ގޮސް ހެދުމަށް އެ ރަށް އަނބުރާ ދިނުމަށް ގޮވާލަމުންނެވެ.

އެ އަތޮޅު ކައުންސިލުން މީގެ ކުރިން "ސަން"އަށް ބުނީ މަސައްކަތް ކުރުމުގެ ނަމުގައި ހުޅިދޫ ހަލާކުކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގައި އޮންނަ ކުޅިއަށް ފަސް އަޅައި ފޮރުވާފައި އޮތް އިރު، ޖެޓީ ހަދާފައި އޮތީ އީއައިއޭގައި އެކަން ކުރަން ބުނި ސަރަހައްދެއްގައެއް ނޫންކަން ކައުންސިލުން ފާހަގަކުރިއެވެ.

ހަމައެއާއެކު، ހުޅިދޫ ފަރުގެ ބޮޑު ބައެއް ކަނޑާލައި ފަރަށް ގެއްލުންވާ ގޮތަށް ބާޖެއް އަރުވައިފައިވާއިރު، ރަށް ދޫކޮށްފައި އޮތީ ދަނޑުވެރިކަމަށް ނަމަވެސް ކޮންސެޕްޓް ޑިޒައިންކޮށްފައި އޮތީ ޓޫރިޒަމްގެ ބައިތައް ހިމެނޭހެން ފުޓްސަލް ދަނޑަކާއި ކެފޭއެއް އެ ތަނުގައި ގާއިމް ކޮށް، ވޯޓާ ސްޕޯޓްސް ވެސް ހިންގޭ ގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ.

ހުޅިދޫގެ ފަރަށާއި ކަނޑޫފާއަށް ދީފައިވާ ގެއްލުންތަކާ ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހީމް ނައީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެ ރަށަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން ގެއްލުން ދިންކަމަށް އެއްބަސް ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ.

"ސަމާލުކަމަށް އައިސްފަ ވަނީ. ވާހަކަވެސް ދައްކަމުން މިދަނީ. އެއްވެސް ކޮޅަކުން އެއްބަހެއް ނުވޭ. ދެން ޖެހޭނީ ގޮއްސަ ބަލާކަށް ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ކައުންސިލުން ބުނާ ގޮތުގައި އެ ރަށް ދޫކޮށްފައި އޮތީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ނުފޫޒުން އެ ތަނުން ނާޖާއިޒް ފައިދާ ހޯދޭ ގޮތަށެވެ.

ވ. ހުޅިދޫ އަނބުރާ އެ އަތޮޅު ކައުންސިލަށް ދިނުމަށް ގޮވާލައި ކުރި އިހުތިޖާޖުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހުޅިދޫ މިހާރު ދީފައި އޮތް އާރަށް އިންވެސްޓްމެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ބައްޕަގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

ހުޅިދޫ މައްސަލައާ ގުޅިގެން ވ. އަތޮޅު ރައްޔިތުން އެމީހުން ކުރި އިހުތިޖާޖުތައް ހުއްޓައިލީ ސަރުކާރާއެކު މަޝްވަރާ ކުރަން އެއްބަސްވެގެންނެވެ.

https://sun.mv/169280

އެ މަޝްވަރާއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ "ސަން'"އަށް ވިދާޅުވީ މަޝްވަރާއަށް ފަހު އެއްބަސްވެވުނީ މި މަހު 20ވަނަ ދުވަހުގެ ކުރިން އަތޮޅު ކައުންސިލްގެ ފަރާތުން ހައްލެއް ހޯދައިދިނުމަށް ކައުންސިލާއި މިހާރު ކުއްޔަށް ދޫކޮށްފައި އޮތް ފަރާތާއި ފިޝަރީޒް މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީ އަދި ރައީސް އޮފީސް އިސްވެ ބައްދަލުވުމެއް ބާއްވަން ކަމަށެވެ.

"ސަރުކާރުން ޑިމާންޑު ކޮށްފައި ވަނީ ހުޅިދޫގައި ގާނޫނާ ޚިލާފަށް ކޮށްފައި ހުރި ކަންކަން ބެލުމަށާއި އީއައިއޭ އާ ޚިލާފަށް ކޮށްފައި ހުރި ކަންކަން ބަލައި ފިޔަވަޅު އެޅުމަށް،" އޭނާ ވިދާޅުވިއެވެ.

ވ. އަތޮޅުގައި މީހުން ޕިކްނިކް ގޮސް މަޖާކުރެވޭނެ ރަށެއް ގާއިމުކޮށް ހުޅިދޫ އަނބުރާ އެ އަތޮޅުގެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް