ބޯހިޔާވަހިކަމަށް އެދި 35،861 މީހުން ފޯމް ހުށަހެޅި

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި 35،861 ފޯމް ހުށަހަޅައިފިއެވެ.

"ގެދޮރުވެރިޔާ" ޕްރޮގްރާމަށް ކިޔުގައި ނުޖެހި ފޯމު ހުށަހެޅޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅޭ އިންތިޒާމް ސަރުކާރުން ހަމަޖެއްސިއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ރޭގެ 23:59 ގައި ވަނީ ހަމަވެފައެވެ.

"ގެދޮރުވެރިން ޕޯޓަލް" ގައި ބިންވެރިޔާގެ ނަމުގައި މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 15،164 މީހުން ވަނީ ފޯމް ހުށަހަޅާފައެވެ. އަދި ގެދޮރުވެރިޔާގެ ނަމުގައި މާލެ ސަރަހައްދުގެ ފުލެޓަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ދެ ކޮޓަރީގެ ފުލެޓަށް އެދިފައިވަނީ 14،489 މީހުންނެވެ. މީގެ އިތުރުން ތިން ކޮޓަރީގެ ފުލެޓަށް އެދި ހުށަހަޅާފައިވަނީ 6،208 މީހުންނެވެ.

އެ ސްކީމުގެ ދަށުން ދޫކުރާ ގޯތީގެ އެންމެ ބޮޑު މިނަކީ 1،250 އަކަފޫޓެވެ. މިއާ އެކުގައި އާއިލާގެ މެންބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާއިރު، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އެގޮތުން ހަތް މީހުންނަށް ވުރެ ގިނަ ވެއްޖެނަމަ 4،000އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެއެވެ.

ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެ ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ޕްރޮގްރާމްގައި ސަރުކާރުން މިފަހަރު ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތެވެ. އެގޮތުން 1000 ގޯއްޗާއި، 4000 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. ގުޅީފަޅުން 2000 ގޯތި ދޫކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

މާލޭ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ބިން ދޫކުރަން ސަރުކާރުން ނިންމައިފައިވާތީ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެގޮތުން ވަކި ރަށެއްގެ ބަޔަކަށް އެގޮތަށް ހިލޭ މާލޭން ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ބުނެއެވެ.

"ގެދޮރުވެރިޔާ" ގެ ދަށުން ގޯއްޗާއި، ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް މިނިސްޓްރީން ވަނީ ދެ ފަހަރެއްގެމަތިން މުއްދަތު އިތުރު ކޮށްފައެވެ. އެކަމަށް ހުޅުވާލި ދެ ފުރުސަތު މިހާރު ވަނީ ހަމަވެފައެވެ.

comment ކޮމެންޓް