އެމްއެމްޕީއާރުސީ ކަޅުފައިސާ ބޭނުންކުރި ހަގީގީ ވަގުންތިބީ އެމްޑީޕީ ކޯލިޝަނުގައި، އަސްލު ވަގުން ހިފާނަން: ރައީސް ޔާމީން

އެމްއެމްޕީއާރުސީ ފައިސާއަށް ޚިޔާނާތްތެރިވި ހަގީގީ ވަގުންތިބީ އެމްޑީޕީ ކޯލިޝަނުގައި ކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ އަސްލުވަގުން ހިފާނެކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި މިރޭ ބޭއްވި "އިހަވަންދޫ މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ކުރިމަތިލުމުގެ އެންމެބޮޑު އެއް ބޭނުމަކީ، ރާއްޖޭގައި ތިބި ހަޤީޤީ ވަގުން ރައްޔިތުންނަށް ދެއްކުން ކަމަށެވެ.

"ފުރުސަތު ލިބިއްޖެ ނަމަ އަޅުގަނޑު އެންމެ ފުރަތަމަ ކަށަވަރުކުރަން ބޭނުންވާ ކަމަކީ ދިވެހި ރައްޔިތުންގެ ކުރިމަތީ ކޮބައިތޯ ކޮބައިތޯ ވައްކަންކުރި ބަޔަކީ، ކޮބައިތޯ ކޮރަޕްޝަން ހިންގި ބަޔަކީ. ދިވެހި ރައްޔިތުންގެ ހައްގެއް ރައްޔިތުންނަށް އެނގެންޖެހޭނެ. މީހުންނާ ދިމާލަށް ވަގަށް ގޮވިދާނެ. އެކަމަކު މައްސަލަ ބަލާލީމައި އެނގޭނީ އަސްލު ވަގުންނަކީ ކޮންބައެއްކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ނިކުތްގޮތަކަށް ނިކުމެގެންގޮސް އޭގެ ބޮޑެތި މަންފާ ނެގި މީހުންތިބީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހީމް މުޙައްމަަދު ޞާލިހް ބޭނުންކުރެއްވިކަމަށް ތުހުމަތު ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވިއްޖެނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަކީ އެންމެ ފުރަތަމަވެސް މަގާމުން އިސްތިއުފާދިނުކަމަށާއި، ރައީސް ޞާލިހަށް ވެސް އެހާވަރުގެ ޒިންމާއެއް އުފުއްލަވަން ކެރިވަޑައިގަންނަވަން ވާނެކަމަށެވެ.

"ޑިމޮކްރަސީއެއްގައި މި ޒިންމާ އުފުލަން ކެރެންވާނެ. ނޫނިއްޔާ އެމީހެއްގެ މައްޗަށް އެވަރުގެ ތުހުމަތުތަކެއް އައިސްފިކަމަށް ވާނަމަ ފުލުހުން މެދުވެރިކޮށް ނަމަވެސް ތަހްގީގް ކުރެވެންޖެހޭނެ. މިހާރުގެ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެހެރީ ފެންނަން. މިއީ މިއަދު އެންމެ ކުޑަކުއްޖާވެސް ދައްކާ ވާހަކައެއް،" ރައީސް ޞާލިހަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޞާލިހު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވިއިރު، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު އެމްޑީޕީގެ ވޯޓު ހޯދާފައިވަނީ އެމްއެމްޕީއާރުސީގެ ކަޅުފައިސާ ބޭނުންކޮށްގެންކަމަށެވެ. އޭރު އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ވޯޓުދެއްވީ ރައްޔިތުންގެ މަންފާއަކަށްނޫން ކަމަށާއި، ވޯޓުދިނީ އެމީހުންނަށް ފައިސާ ލިބޭތީކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

އަދީބު ނައިބު ރައީސް ކަމަށް ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި މަޖިލީސް މެންބަރުން މެދުވެރިކޮށް އެ މަގާމަށް އޭނާ ޝަރުތުހަމަވާގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްގެނެވެ. ކުރިން ގާނޫނު އަސާސީގައި އޮންނަނީ ނައިބު ރައީސްކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. ނަމަވެސް މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ނައިބު ރައީސްގެ ޝަރުތަކީ އުމުރުން 30 އަހަރާއި 65 އަހަރު ކަމުގައެވެ. އެފަދައިން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ މެންބަރުން ވެސް ވޯޓު ދީފައިވެއެވެ.

މީގެ އިތުރުން 99 އަހަރަށް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނެގި ވޯޓުގައިވެސް އެމްޑީޕީގެ މެމްބަރުން ވަނީ އެކަމަށް ތާއީދުކޮށް ވޯޓުދީފައެވެ. ސިޔާސީބައެއް މީހުން ތުހުމަތު ކުރާގޮތުގައި ގާނޫނު އަސާސީއަށް ގެނައި މި ދެ އިސްލާހަށް އޭރު އެމްޑީޕީ މެމްބަރުންގެ ވޯޓު ހޯދާފައިވަނީ އެމްއެމްޕީއާރުސީގެ ކަޅު ފައިސާ ބޭނުންކޮށްގެންނެވެ.

އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ، އެމްޑީޕީ މެމްބަރުން ރައްޔިތުންނަށް ކަމެއްކޮށްދޭން ބޭނުންނަމަ އެމަނިކުފާނުގެ ދައުރުގަ ބަޖެޓަށް ވޯޓު ދިނީސްކަމަށެވެ. ފަސް އަހަރު ނިމިގެންދިޔައިރު އެމްޑީޕީން ބަޖެޓަށް ވޯޓު ދީފައިނުވާކަން ރައީސް ޔާމިން ވަނީ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް