ސްކައުޓް ހަރަކާތުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ދަސްވާ ދިރިއުޅުމުގެ ހުނަރުތައް: ނައިބު ރައީސް

ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަމްބަރީ އޮން ދަ އެއާ- ޖަމްބަރީ އޮން ދަ އިންޓަނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން މިއަދު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތްކަމާއި، އަދި އެ ހަރަކާތް އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމައަށް އަދި ވަކިވަކި ފަރުދުންނަށް ވެސް މި ހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މިއަދު ފެށުނު ޖަމްބަރީއާ އެކުވެސް ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ދިރިއުޅުމުގައި ޚަރަދު ކުޑަކުރުމާއި، ރަނގަޅުގޮތުގައި ކުނިމެނޭޖްކުރުމާއި، ވެށި ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

ޖޮޓާޖޮޓީ 2022 ރާއްޖޭގައި ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ގޮތުން ނައިބު ރައީސް ވަނީ އެމެޗާ ރޭޑިއޯ މެދުވެރިކޮށް ސްރީލަންކާގައި ތިބި ސްކައުޓުންނަށް މެސެޖެއް ފޮނުއްވާފައެވެ.

ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާތަކުގެ ސްކައުޓުން އިންޓާނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މި ހަރަކާތް މިއަހަރު ބާއްވަނީ މި މަހުގެ 14 އިން 16 އަށެވެ. މި ހަރަކާތުގައި 172 އަށްވުރެ ގިނަ ގައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މި ހަރަކާތް ރާއްޖޭގައި މިއަދު ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށް ވެސް ވާޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް