ގައުމަށް ދިމާވާ ދަތި ހާލަތްތަކުގައި އެންމެ މަދަދުވެރި ބަޔަކީ ސްކައުޓުން: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ގައުމަށް ދިމާވާ އެންމެ ދަތި އުނދަގޫ ހާލަތްތަކުގައި އެންމެ ހަރަކާތްތެރި އެންމެ މަދަދުވެރި ބަޔަކީ ދިވެހި ސްކައުޓުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވަނީ ސްރީލަންކާގެ ގައުމީ ސްކައުޓް ޖަމްބަރީގައި ބައިވެރިވާ ދިވެހި ސްކައުޓުންނާ މިއަދު ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، ޖަމްބަރީގައި ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެދިވަޑައިގަތުން ކަމަށެވެ.

އެގޮތުން އެންމެހާ ސްކައުޓުން ރިވެތި އަޚުލާގާ ސުލޫކުން ނަމޫނާ ދައްކާ އެކުވެރިކަމާ ބަދަހިކަން މަތީ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނައިބު ރައީސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

"ނަމާދަށް ފަރުވާތެރިވުމާ ވަގުތަށް ކަމޭހިތުމާ އިސްވެރިންނަށް އިހުތިރާމް ކުރާ ބައެއް ކަމުގައި ވާން ޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެކި ގައުމުތަކުން ރަނގަޅު ބިނާކުރުވަނިވި ރަހުމަތްތެރިން ހޯދާ ދިވެހި ސްކައުޓުންގެ ގުޅުން އިތުރަށް ހަރުދަނާކުރަން ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ސްކައުޓުންނަކީ އެހާމެ މުރާލި ކެރޭ ބައެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައާއި ބައިނަލްއަގްވާމީ މައިދާނުގައި ސްކައުޓުން ހޯދާ ފަހުރުވެރި ކާމިޔާބީ ސަރުކާރުން ބަލައިގަންނަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް