ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދިފައިވުމާއެކު ސިޓީ ޕާކް އަލުން ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމުން އެ ސަރަހައްދުގައި ޕާކެއް އަޅައިދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށެވެ.
އެ ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ސިޓީ ކައުންސިލުން ބުނީ އެ ޕާކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ "ޕްލޭ އޭރިއާ"ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް ހުންނާނެ ކަމަށެެވެ.
އެ ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް"އަށް ކަން ފާހަގަކޮށް ކައުންސިލުން ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް އެ ތަނުގައި ބަހައްޓާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ހަދާފައި ހުންނާނެ ކަމަށެވެ. އަދި ޕާކުގެ އެހެން ސަރަހައްދުތަކުގައި ވެސް ތަފާތު ސީޓިން ޖާގަ ހުންނާނެ ކަމަށެވެ. މީގެ އިތުރުން ޚާއްސަ ތީމްއަކަށް ފަރުމާކޮށްފައިވާ 'ފްލާވާ ސީޓް' އަދި 'ލީފް ސީޓް'ތަކެއް ވެސް ޕާކުގައި ބަހައްޓާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އެ ޕާކުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކެއް ހަދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ކަސްރަތު ކުރަން ވެސް ވަކި "އައުޓްޑޯ ޖިމެއް" ތަރައްގީ ކުރުމާއެކު ޕާކުގެ ފާހާނަ ބްލޮކްގައި އަންހެން ފިރިހެން އަދި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ޖާގަ ހަދާނެ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ޕާކުގެ ސްޕޯޓްސް އޭރިޔާގައި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ހުންނާނެ ކަމަށެވެ. އެ ސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލްގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިންޒޯނެއް ހުންނާނެ ކަމަށާއި އެ ޕާކިންގް ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓު ގާއިމްކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ސަލާހުއްދީން މިސްކިތާއި ޕާކާ ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލި ކުރުމަށް ޕާކުގެ ފާރުގައި 'އެމްބެޑެޑް ލައިޓް' ހަރުކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޕާކުގެ އެތެރޭގެ ލައިޓްތަކާއެކު، އެ ސަރަހައްދަކީ އެކަށީގެންވާ ވަރަށް ދިއްލިފައިވާ ސަރަހައްދަކަށް ވާނެކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
ކައުންސިލުން ބުނީ މަގުގެ ޓްރެފިކާއި ޕާކާ ދެމެދު ބަފާއެއް ލުމުގެ ގޮތުން، ޕޭވްމެންޓްގައި ހަނި ޕްލާންޓާ ބޮކްސް ތަކެއް ބަހައްޓާނެ ކަމަށެވެ. މި ޕްލާންޓާ ބޮކްސް ތަކުން ޕާކް ތެރެއަށް ވެޔޮއަރާ ގޮތަށް ފަރުމާ ކުރާނެ ކަމަށާއި އެ ބޮކްސް ތަކުގެ ސައިޒް ވީހާވެސް ހަނިކޮށް، ޕޭވްމެންޓްގައި ކުޑަކުދިންގެ ސްޓްރޯލާއާއި ފުރޮޅީގޮނޑި ދުއްވާ ޖާގަ ދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ގަލޮޅުގައި ކުރީގެ ބާ އިންޖީނުގެ ހުރި ބިމުގައި ސިޓީ ޕާކެއްގެ ނަމުގައި ޕާކެއް ފުރަތަމަ ތަރައްގީކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު އެ ސަރަހައްދުގައި ފިހާރައާއި ރެސްޓޯރެންޓު ވެސް ހުޅުވި ނަމަވެސް ފަހުން އެ ތަންތަން ވަނީ ބަންދުކޮށްފައެވެ.