ހަލާކުވެފައިވާ ކާނުގަނޑަކަށް ފައިވަދެ، ކުޑަކުއްޖަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ

ހީނާމާގެ ކުރިމަތީ ހަލާކުވެފައި އޮތް ކާނުގަނޑު -- ފޮޓޯ/ ޑރ. އައިޝަތު ރަފިއްޔާ، ފޭސްބުކް

ހީނާމާގެ ކައިރި، ހަލާކުވެފައި އޮތް ކާނުގަނޑަކަށް ފައި ވަދެ، އުމުރުން ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން އާއިލާއާ ގާތް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ އިއްޔެ އާއިލާގެ މެންބަރުންގެ އެއްވުމަކަށް ފަހު ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާ ސައިކަލަށް އަރަން ދަނިކޮށެވެ.

އޭނާ ބުނި ގޮތުގައި ވިއްސާރަ ވުމުންނާއި މަގު އަނދިރިވުމުން ކާނުގަނޑު ހަލާކުވެފައިވާތަން ކުއްޖާގެ ބެލެނިވެރިޔާއަށް ވެސް ނުފެންނަ ކަމަށެވެ. އެހެންވެ އެ ކުއްޖާ ކާނުގަނޑުގައި ފައި އެޅުމާއެކު އޭގެ ތެރެއަށް ފައި ވަދެ، ޒަހަމްވީއެވެ.

މި ހާދިސާއާ ގުޅިގެން ޑރ. އައިޝަތު ރަފިއްޔާ ކުރެއްވި ޓުވީޓެއްގައި ވަނީ މާލޭ ސިޓީ ކައުންސިލާއި އެ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޒިންމާ އަދާ ކުރައްވަފައިވޭތޯ ސުވާލު އުފައްދަވާފައެވެ.

މި ހާދިސާގައި ކުއްޖާގެ ފައިގެ ކަށިމަތި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި ކުއްޖާގެ ކަށިމަތިންް ހަތަރު އިންޗި ވަރު ފަޅައިގެން ގޮސްފައިވާއިރު، މަސްގަނޑު ވަނީ އިރައިގެން ގޮސްފައެވެ. އަދި ފަޅައިގެން ގޮސްފައިވާ ތަނުން ކަށިމަތީގެ މަސްތައް އިރައިގެން ގޮސް ނުކުމެފައި ވާތަން ވެސް ފެނެއެވެ.

ކުއްޖާގެ ކަށިމައްޗަށް ވަރަށް ބޮޑަށް އަނިޔާވެފައި-- ފޮޓޯ: އާއިލާ

"ވިއްސާރަ ވީމަ ހަލާކުވިތަނަށް ވަރަށް ބޮޑަށް ހަޑި އެއްޗެހި ވަދެފަ ހުރީ ވެސް. ހޮސްޕިޓަލަށް ގެންގޮސް އެތަން ސާފުކުރަން ވެސް ވަރަށް ގިނަ އިރު ވި،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން ކުއްޖާގެ ފައި ފަހާ އޮފަރޭޝަން ކުރުމަށް ފަހު، އަދިވެސް ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ހާދިސާގެ ޚަބަރު ލިބުމާ އެކު ވަގުތުން ހަލާކުވެފައިވާ ކާނުގަނޑުު ބަދަލުކޮށްފައިވާ ކަމަށެވެ.

މާލޭގެ މަގުތައް ބަލަހައްޓާ މެއިންޓެއިން ކުރުމަކީ މާލޭސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

comment ކޮމެންޓް