ފިޗުން ރާއްޖޭގެ ރޭޓިން ބީ ނެގެޓިވްގައި ދަމަހައްޓައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އިދާރާއެއްކަމަށްވާ ފިޗުން ރާއްޖޭގެ ރޭޓިން ބީ ނެގެޓިވްގައި ދަމަހައްޓައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިްޓް ރޭޓިން އެއް ހަމައެއްގައި ދަމަހައްޓައިފައި ކަމަށެވެ.

"ދުނިޔޭގެ ވެސް ގައުމުތަކުގައި އިގްތިސާދީ އައުޓްލުކް ނެގެޓިވް. އެހެންވީމަ ރާއްޖޭގެ ވެސް އައުޓްލުކް މީންދީ ނެގެޓިވް ގައި. އެކަމުވެސް ރޭޓިން އިނީ އެއްހަމައެއްގައި ހިފަހައްޓައިފަ،" އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ ނެގެޓިވްއަށް ބަދަލުކުރުމުގެ ކުރިން ރާއްޖޭގެ ރޭޓިން ހުރި ސީސީސީގައެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ބީ ނެގެޓިވްއަށް މަތިކުރީ އެ އިދާރާއިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮންނާނެ ގޮތް ލަފާކުރި ވަރަށްވުރެ އިތުރަށް އިގްތިސާދު ރަނގަޅުވެފައިވާތީކަމަށް ފިޗުން ބުނެފައިފައިވެއެވެ.

އެގޮތުން ކޮވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަޅުޖެހިފައި އޮތުމަށްފަހު ލަފާކުރި މިންވަރަށްވުރެ އަވަސް މިނެއްގައި ކުރިއަރައިގެން އައިސްފައިވާ ކަމަށް ފިޗުގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ދައުލަތުގެ ދަރަނީގެ ހާލަތު އޮންނާނެ ގޮތަކާމެދު ފިޗުން އޭރު ވަނީ ސުވާލު އުފައްދައިފައެވެ.

މިއަހަރު ފިޗުން ރާއްޖޭގެ ރޭޓިން އެއް ހަމައެއްގައި ހިފައްޓައިފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސާދުގެ އައުޓްކަމް ދަނީ ނެގެޓިވް ވަމުންނެވެ.

ފިޗް ރޭޓިންސް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ.

ކްރެޑިޓް ރޭޓިން އަކީ އިންވެސްޓަރުންނަށް އެމީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރެވޭ އިންޑިކޭޓާއެކެވެ.

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިން އެއް މުހިންމު ވަނީ މި ސަބަބާހުރެއެވެ.

comment ކޮމެންޓް