ވިލާ އަދި ޕޮލިޓެކްނިކްގެ ކުރިމަތިލުން އެއްވަރު، އެމްބީއެސްއަށް ފަސޭހަ މޮޅެއް

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި އެމްބީއެސްއާއި އެމްއެންޔޫ ބީއެސް ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އެމްއެންޔޫއެސްޔޫ މީޑިއާ

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގައި ޕޮލިޓެކްނިކާއި ވިލާ ކޮލެޖު ބައްދަލުކުރި މެޗު އެއްވަރުވިއިރު، މޯލްޑިވިސް ބިޒްނަސް ސްކޫލަށް ފަސޭހަ މޮޅެއް ވެއްޖެއެވެ.

ރޭ މާފަންނު ސްޓޭޑިއަމްގައި ޕޮލިޓެކްނިކާއި ވިލާ ކޮލެޖު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވިލާ ކޮލެޖުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ވިލާ ކޮލެޖަށް އެ ގޯލު ޖަހައިދިނީ މަލީހް މުހައްމަދެވެ.

ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ޕޮލިޓެކްނިކުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މުހައްމަދު ރާއިފް ފަޒީލް އެ ޓީމަށް ޖަހައިދިން ގޯލެކެވެ.

މީ އެ ދެ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ދެވަނަ މެޗުގައި މިރޭ 20:00 ގައި ޕޮލިޓެކް ކުޅޭނީ ފެކަލްޓީ އޮފް އާޓްސްއާ ދެކޮޅަށެވެ. އަދި ވިލާގެ ދެވަނަ މެޗުގައި އެ ޓީމު މި ރޭ 23:00 ގައި ކުޅޭނީ ކްލިކް ކޮލެޖާ ދެކޮޅަށެވެ.

އެމްއެންޔޫ ބިޒްނަސް ސުކޫލު (އެމްއެންޔޫ ބިޒްނަސް ސުކޫލް) އާއި މޯލްޑިވްސް ބިޒްނަސް ސުކޫލުު (އެމްބީއެސް) ބައްދަލުކުރި މެޗު އެމްބީއެސްއިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ މިނެޓުގައި އަލީ ހައިޒަމް މުހައްމަދު ވަނީ ގޯލެއް ޖަހައި އެމްބީއެސްއަށް ލީޑު ނަގައިދީފައެވެ. މެޗުގެ ދެވަނަ މިނެޓުގައި ހަމްދޫން އަބްދުލް ލަތީފް ގޯލެއް ޖެހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި އިބްރާހިމް އާތިފް ވަނީ އެމްއެންޔޫބީއެސްއަށް ގޯލެއް ޖަހައިދީފައެވެ. އަދި 23 ވަނަ މިނެޓުގައި އެމްއެންޔޫބީއެސްގެ މުހައްމަދު އަނާން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އަހުމަދު އައިހަމް ވަނީ ގޯލެއް ޖަހައި އެމްބީއެސްއަށް އަލުން ލީޑު ނަގައިދީފައެވެ. އޭގެ ފަސް މިނެޓު ފަހުން އައިހަމް ވަނީ އިތުރު ގޯލެއްޖަހައިފައެވެ. އެ މެޗުގައި އެމްއެންޔޫބީއެސްގެ އަލީ ނިހާދުގެ އަތުން ވަނީ ބައި ކޮޅަށް ވެސް ގޯލެއް ވަދެފައެވެ.

އެމްބީއެސްގެ ދެވަނަ މެޗުގައި އެ ޓީމު ބައްދަލުކުރާނީ މިރޭ 22:00 ގައި އިސްލާމިކް ޔުނިވާސިޓީއާ ދެކޮޅަށެވެ. އަދި އެމްއެންޔޫބީއެސްގެ ދެވަނަ މެޗުގައި މިރޭ 20:00 ގައި އެ ޓީމު ބައްދަލުކުރާނީ އެމްއައި ކޮލެޖާ ދެކޮޅަށެވެ.

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ބާއްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ އެ މުބާރާތުގެ އަށްވަނަ އެޑިޝަނެވެ. އެންމެ ފުރަތަމަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއެއް ބާއްވައިފަައިވަނީ 2013 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން އެ މުބާރާތް ބާއްވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެވިޑް ކޮލެޖުންނެވެ.

comment ކޮމެންޓް