އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގައި، ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) އެ ދެ ޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
ރޭ މާފަންނު ސްޓޭޑިއަމްގައި ސީއެފްއެސް އާއި ސްކޫލް އޮފް ނާސިން (އެސްއެން) ބައްދަލުކުރި މެޗު ސީއެފްއެސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ސީއެފްއެސްގެ ގޯލުތައް ޖަހައިފައިވަނީ ޒައިޝަން އަޝްރަފްގެ އިތުރުން މުހައްމަދު ނާބިތު ހުސައިންނެވެ. މެޗުގައި ނާބިތު ވަނީ ދެ ގޯލު ޖަހައިފައެވެ.
އެސްއެންގެ ހަމައެކަނި ގޯލު މެޗުގެ 24 ވަނަ މިނެޓުގައި ޖަހައިފައިވަނީ ނޫރު ޔޫސުފެެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެފްއެސްގެ ނާބިތެވެ.
ސީއެފްއެސް އެ ޓީމު ކުޅޭ ދެވަނަ މެޗުގައި މާދަމާ ރޭ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއާ ދެކޮޅަށް ނުކުންނައިރު އެސްއެން އެ ޓީމުގެ ތިން ވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ސްކޫލް އޮފް މެޑިސިންއާ ދެކޮޅަށެވެ.
ރޭ ސައިރިކްސް ކޮލެޖާއި އެފްއެސްއެލް ބައްދަލުކުރި މެޗު އެފްއެސްއެލްއިން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި އެފްއެސްއެލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުގެ ގޯލުތައް ޖަހައިފައިވަނީ އަލީ ޖަޒީލް އަހުމަދާއި، ރައުހާން ރިއްފަތުގެ އިތުރުން އަހުމަދު ރިފްވާން މުހައްމަދެވެ. އެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ރައުހާން ވަނީ ހެޓްރިކް ހަދައިފައެވެ.
އެފްއެސްއެލްގެ ދެވަނަ މެޗުގައި މިރޭ އެ ޓީމު ނިކުންނާނީ ފެކަލްޓީއޮފް ހެލްތު ސައިންސަސްއާ ދެކޮޅަށެވެ. އަދި ސައިރިކްސްގެ ދެވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީއާ ދެކޮޅަށެވެ.
ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ބާއްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ އެ މުބާރާތުގެ އަށްވަނަ އެޑިޝަނެވެ. އެންމެ ފުރަތަމަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއެއް ބާއްވައިފަައިވަނީ 2013 ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން އެ މުބާރާތް ބާއްވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެވިޑް ކޮލެޖުންނެވެ.