އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަންގައި ކްލިކް ކޮލެޖަށް ބޮޑު މޮޅެއް ލިބުނުއިރު، ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) ސައިރިކްސް ކޮލެޖުގެ މައްޗަށް ކުރި ހޯދައިފިއެވެ.
މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުޅުނު ދެ މެޗުގެ ތެރެއިން ކްލިކާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ބައްދަލުކުރި މެޗު ކްލިކުން ކާމިޔާބުކުރީ 9-0ގެ ބޮޑު ތަފާތަކުންނެވެ.
މެޗުގައި ކްލިކްގެ ގޯލުތައް ޖަހައިފައި ވަނީ ރޮވިނާ މަރިޔަމްއާއި، ޝީނީޒް މުހައްމަދުގެ އިތުރުން ފާތިމަތު ރާއިން މުހައްމަދެވެ. އެ މެޗުގައި ޝީނީޒް ވަނީ ހަތް ގޯލު ޖަހައިފައެވެ.
އެ މެޗުގެ އެންމެ މޯޅު ކުޅުންތެެރިއަކަށް ހޮވިފައިވަނީ ވެސް ޝީނީޒްއެވެ.
ކްލިކް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ކްލިކުން ކާމިޔާބުކުރީ 17-0 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ކްލިކް ކޮލެޖުން ކުޅޭނީ ވިލާ ކޮލެޖާ ދެކޮޅަށެވެ.
އިސްލާމިކް ޔުނިވާސިޓީގެ ފުރަތަމަ މެޗުގައި ވިލާއާ ދެކޮޅަށް ކުޅެ އެ ޓީމު ބަލިވީ 7-0ގެ ނަތީޖާއަކުންނެވެ. އިސްލާމިކް ޔުނިވާސިޓީގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު އެ ޓީމުން ނިކުންނާނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯއާ ދެކޮޅަށެވެ.
މިއަދު ހަވީރު އެފްއެޗްއެސްއާއި ސައިރިކްސް ބައްދަލުކުރި މެޗު އެފްއެޗްއެސްއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި އެފްއެޗްއެސްއަށް ގޯލުތައް ޖަހައިދީފައި ވަނީ އައިޝަތު ނިހާއާއި އާމިނަތު ޝަފްނާ އަލީއެވެ. މެޗުގައި ޝަފްނާ ވަނީ ދެ ގޯލު ޖަހައިފައެވެ.
އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަފްނާއެވެ.
އެފްއެޗްއެސްގެ ފުރަތަމަ މެޗުގައި ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްއާ ވާދަކޮށް 4-0ގެ ނަތީޖާއަކުން އެ ޓީމު ވަނީ ބަލިވެފައެވެ. އެ ޓީމު ގްރޫޕް ސްޓޭޖުގެ ފަހު މެޗެއްގެ ގޮތުން އަންނަ ބުދަ ދުވަހު ކުޅޭނީ ސްކޫލް އޮފް ނާސިންއާ ދެކޮޅަށެވެ.
ސައިރިކްސް ކޮލެޖުގެ ފުރަތަމަ މެޗުގައި ސްކޫލް އޮފް ނާސިން އަތުން އެ ޓީމު ވަނީ 7-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެ ޓީމު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ބައްދަލުކުރާނީ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްއާއެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރު ބާއްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ އެ މުބާރާތުގެ އަށްވަނަ އެޑިޝަނެވެ. އެންމެ ފުރަތަމަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއެއް ބާއްވައިފަައިވަނީ 2013 ވަނަ އަހަރެވެ. އަދި އެންމެ ފަހުން އެ މުބާރާތް ބާއްވައިފައިވަނީ 2019 ވަނަ އަހަރެވެ. އެ އަހަރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެވިޑް ކޮލެޖުންނެވެ.