އަންނަ އަންގާރަ ދުވަހަށް ނިންމާލަން އަމާޒުކޮށް، ބޯހިމެނުމުގެ މަސައްކަތް ކުރިއަށް

ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް އޮފިޝަލަކު ހަރަކާތްތެރިވަނީ -- ސަން ފައިލް ފޮޓޯ

އަންނަ އަންގާރަ ދުވަހަށް މަސައްކަތް ނިންމަން އަމާޒުކޮށް، ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދަން ސްޓެޓިސްޓިކްސް ބިއުރޯއިން ނިންމައިފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން މާލޭ ސަރަހައްދުގައި ތަޅުލާފައި ހުރި ތަންތަނުގެ ތެރެއިން 41 ޕަސަންޓު ތަނަކުން މައުލޫމާތު ލިބިފައި ވާކަމަށެވެ. އަދި ބޯހިމެނިފައި ނުވާކަމަށް އެ ބިއުރޯއަށް އަންގަމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ.

ބޯހިމެނުން ފުރިހަމަ ވާނީ ހުރިހާ ފަރުދުން ހިމެނިގެން ކަމުން، ބޯހިމެނުމުގައި ކޮންމެ ފަރުދަކު ވެސް ހިމެނުނުކަން ޔަގީންކުރުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އިލްތިމާސްކޮށްފައިވެއެވެ.

އެހެންކަމުން މިހާތަނަށް ބޯހިމެނިފައި ނުވާ ގޭބިސީތަކުން ސްޓެޓިސްޓިކްސް ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400އަށް ގުޅުއްވައިގެން އެކަން އެ ބިއުރޯއަށް އަންގައި ދިނުމަށް އެ ބިއުރޯއިން އެދެއެވެ.

"އަދި މިހާތަނަށް ބޯހިމެނުމަށް އާންމުންގެ ފަރާތުން ލިބިފައިވާ އަދި ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މި ބިއުރޯއިން ނިހާޔަތަށް ޝުކުރު ދަންނަވަން،" ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދަން މީގެ ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މާލެ ސަރަހައްދުގައި އެ މުއްދަތު އިތުރު ކޮށްފައިވަނީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުން ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގައެވެ. އެއަށްފަހު ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް، 1931 ވަނަ އަހަރު މެދުކެނޑުމެއްއައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 402،071 އެވެ.

comment ކޮމެންޓް