އަނަސްގެ މަރު: އެންމެ ފަހުން ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އަނަސް --

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކޮށް ސަލާމަތްވި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް މިއަދު ހައިކޯޓުން ހުކުމްކޮށްފިއެވެ.

ލިޓަސް ސާވިސް ސެންޓަރުތެރޭ އަނަސްގެ ގައިގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ.

ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލްކޮށް ހައިކޯޓުން އެ މައްސަލަ ބަލައި އޭނާގެ މައްޗަށް އަނަސް މަރާލިކަން ސާބިތުވާކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅި ނަމަވެސް މި މައްސަލައިގެ ހުކުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ސަބަބަކީ ކުށް ކުރިއިރު ދައުވާ ލިބޭ ކުއްޖާއަށް 18 އަހަރު ނުވާތީއެވެ. ކުށްކުރާ ކުޑަކުދިންގެ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ރެއެވެ.

އެ މައްސަލައިގައި ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

comment ކޮމެންޓް