މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ މިއަދު ހަވީރު 16:30އިން ފެށިގެން މިރޭ 22:30އަށް ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓުން ބުނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

މެޓުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ވަގުތު އިތުރުކޮށްފައެވެ. އެއީ މިރޭ 18:30އިން މެންދަމު 00:30އާ ހަމައަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ހަމައެއާއެކު މިރެއިން ފެށިގެން މާދަން ހެނދުނު 06:00އަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓު ހުންނާނެކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ އެންމެން ވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މެޓުން މިއަދު މެންދުރު 12:30އިން މިއަދު ހަވީރު 16:30އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަަމައަށް ރީނދޫ ސަމާލުވެސް ނެރުނެވެ.

comment ކޮމެންޓް