ހައްޖުވެރިންގެ ޕީސީއާރް މެޑިފްލެކްސް އިން ހެދީ އައިޖީއެމްއެޗުން އަގު ބޮޑުވުމުން: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު - ސަން ފޮޓޯ/ އަހްމަދު ސައީދު

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ މީހުން ހަދަން ޖެހޭ ޕީސީއާރް މެޑިފްލެކްސް މެދުވެރިކޮށް ހަދާފައިވަނީ އައިޖީއެމްއެޗުން އެ ޚިދުމަތަށް ނަގާ އަގު ބޮޑުވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ސަރުކާރު މައި ހޮސްޕިޓަލުން ޕީސީއާރް ހެދެން ހުއްޓައި، ހައްޖު ކޯޕަރޭޝަނުން އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން އެ ޓެސްޓް ހަދާފައިވޭތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިިނިސްޓަރު ވިދާޅުވީ ހައްޖާޖީންގެ ޕީސީއާރް ޓެސްޓު ހެދުމަށް ހައްޖު ކޯޕަރޭޝަނުން ބަޔަކު ހޯދައިފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާން ކޮށްފައިވާގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ހައްޖުވެރިންގެ ޕީސީއާރް ޓެސްޓު ހަދައިދިނުމުގެ ޚިދުމަތް އެ ކުންފުންޏަށް ފޯރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަގުތައް ހޯދިއިރު އެންމެ ހެޔޮ އަގެއް ހުށަހަޅާފައިވަނީ މެޑިފްލެކްސް ލެބޯޓްރީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖުވެރިންގެ ޕީސީއާރް ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ކޮށް، ބޮލަކަށް 200 ރުފިޔާގެ ރޭޓުން. އަދި ޚިދުމަތް ފޯރުކޮށްދޭ ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗްއިން ޕީސީއާރް ހެދުމުގެ ޚިދުމަށް ފޯރުކޮށްދެމުންދަނީ ބޮލަކަށް 700 ރުފިޔާގެ ރޭޓުން." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޚިދުމަތް ފޯރުކޮށްދޭ އެހެން ފަރާތެއް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެ ޚިދުމަށް ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ކެމިކަލް ނެތް ކަމަށް ފުލުހުން ބުނުމުން، އެ ކެމިކަލް ހޯދުމަށް އެޗްޕީއޭ މެދުވެރިކޮށް މަސައްކަތް ކޮށް، އެކަން އެގޮތަށް ހަމަޖެހޭ ގޮތް ނުވުމުގެ ސަބަބުން ޕޮލިސް ސާވިސް މެދުވެރިކޮށް ޕީސީއާރް ޓެސްޓް ހެދޭ ގޮތް ނުވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ސުވާލުގެ އިތުރުން މެމްބަރު އިބްރާހިމް ރަޝީދު ވަނީ ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ ވަކި ބަޔަކު ގެންގޮސްފައިވޭތޯ ވެސް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. އަދި އެއީ ކިތައް މީހުން ތޯ ވެސް މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ އެހީތެރިއެއް ގޮތުގައި މިނިސްޓްރީން އެދިގެން މިނިސްޓްރީގެ އެއް މުވައްޒަފަކު ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެހީތެރިންގެ ގޮތުގައި ދެން ގެންގޮސްފައިވަނީ އެކަމަށް އިއުލާނު ކޮށް، އިންޓަވިއު ކޮށްގެން އެންމެ މަތިން މާކްސް ލިބުނު މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް