ރާއްޖޭގައި ބާއްވައި ފުރަތަމަ "ސައިކޮލޮޖީ ސިމްޕޯޒިއަމް އެންޑް އެގްޒިބިޝަން" ފަށައިފި

ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވައި ފުރަތަމަ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން" މިއަދު އިފްތިތާހުކޮށްފިއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން މިއަދާއި މާދަމާ ބާއްވައި "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން" އިފްތިތާހްކޮށްދެއްވީ އެކަމަށް ޓަކައި މިއަދު މެންދުރުފަހު ވިލާ ކޮލެޖުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ، ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު، ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި އެ ކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި، އެ މަސައްކަތްތަކުގެ ތެރެއިން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންބޮޑުވުންތަކުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ސިއްހަތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި، ކޮވިޑު ފެސިލިޓީގައި ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ފިލާވަޅަކީ ނަފްސާނީ ދުޅަހެޔޮކަމާ ނުލައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދަތިވާނެކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސައިކޮލޮޖީ ސިމްޕޯޒިއަމް އަދި އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ފަޒްނާ ވަނީ ނަފްސާނީ ސިއްހަތުގެ ދާއިރާއަށް ވިލާ ކޮލެޖުން ދޭ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި، އެ ކޮލެޖުން އެ ދާއިރާއިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ގައުމަށް މުހިންމު މިފަދަ ދާއިރާއަކުން މީހުން ބިނާ ކުރުމަށް އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފަޒްނާ، ވަނީ ވިލާ ކޮލެޖުން ނެރޭ ސައިކޮލޮޖީ ބުލެޓިންގެ ފުރަތަމަ އަދަދު ވެސް ނެރެދެއްވާފައެވެ. މި ބުލެޓިންގައި އެ ކޮލެޖުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ސައިކޮލޮޖީގެ އެކި ދާއިރާތަކާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނާފައިވެއެވެ.

އެ ސިމްޕޯޒިއަމް ބާއްވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި 18:00އިން 22:00އަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މޭކް މެންޓަލް ހެލްތު އެންޑް ވެލް-ބީން ފޯ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މި ޝިއާރުގެ ދަށުންނެވެ.

comment ކޮމެންޓް