ޔޫއޭއީގެ ރައީސް، ރަޝިއާގެ ރައީސްއާ ބައްދަލުކުރައްވަނީ

ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން --- ފޮޓޯ/ އޭޕީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން، ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

އަންގާރަ ދުވަހަށް ތާވަލުކޮށްފައިވާ މި ބައްދަލުވުމުގެ މައުލޫމާތު ޔޫއޭއީ ސަރުކާރުގެ ވެބްސައިޓުގައި ވަނީ ހާމަކޮށްފައެވެ.

ޔޫއޭއީ އާއި ރަޝިއާ ހިމެނޭ އޯޕެކުން ވަނީ ތެޔޮ އުފެއްދުން މަދުކުރުމަށް ނިންމާފައެވެ. ދުވާލެއްގެ މައްޗަށް ދެ މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކުރުމަށް އޯޕެކުން ނިންމާފައިވަނީ އެމެރިކާގެ ޕްރެޝަރާ ދެކޮޅަށެވެ.

ޔޫއޭއީ ސަރުކާރުގެ ވެބްސައިޓުގައިވާ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވާނެއެވެ. އަދި އެކީގައި މަސައްކަތްކުރެވޭނެ ދާއިރާތަކާގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.

އޯޕެކުން އެމެރިކާގެ ޕްރެޝަރާ ދެކޮޅަށް ނިންމުން ނިންމުމާއެކު އޯޕެކުގައި ހިމެނޭ ގަލްފުގެ ގައުމުތަކާ އެމެރިކާއާ ދެމެދު ކޯޅުންތަކެއް ވަނީ އުފެދިފައެވެ. ސައުދީން ލީޑްކުރާ އޯޕެކަކީ ތެޔޮ އުފައްދާ ގައުމުތަކުގެ މެދުގައި އުފައްދާފައި އޮންނަ ކޯލިޝަނެކެވެ.

ނަމަވެސް ޔޫއޭއީގެ ހަކަތައިގެ ވަޒީރު ވިދާޅުވީ، އެ ގައުމުން ތެޔޮ އުފައްދާ ނިސްބަތް ދަށްކުރީ ޓެކްނިކަލް ސަބަބަކާހުރެ ކަމަށާއި، އެއީ ސިޔާސީ މަގުސަދެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ.

ތެލުގެ އަގު އުފުލުމަށް ކޮންޓްރޯލެއް ނުގެނެވޭނަމަ، ނޮވެމްބަރުމަހު އޮތް އެމެރިކާގެ ކޮންގްރެސް އިންތިޚާބުގައި ބައިޑަންގެ ޑިމޮކްރަޓިކް ޕާޓިއަށް ނާކާމިޔާބީއާ ކުރިމަތިވެދާނެއެވެ.

ޔޫއޭއީގެ ރައީސް ޕޫޓިންއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގައި ޔޫއޭއީ އޮތީ "ނިއުޓްރަލް ސްޓޭންޑް"އެއްގައެވެ. އަދި މި ހަނގުރާމައިގައި އެއްވެސް ކޮޅަކަށް ބުރަ ވުމަކީ ޚާރިޖީ ގުޅުންތަކަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި އެ ގައުމުން ދެކެއެވެ.

comment ކޮމެންޓް