ފަރުތަކުގެ ދިރުން ބެލުމަށް ފޮޓޯ މުބާރާތެއް ބާއްވާނީ

ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތުގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކުރުން -- ފޮޓޯ/ ދިރާގު

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ފޮޓޯ މުބާރާތެއް ބާއްވާން ހަމަޖެހިއްޖެއެވެ.

އެ މުބާރާތް ބާއްވަނީ ޓޫރިޒަމް މިނިސްޓްރީއާއި ދިރާގާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެންނެވެ.

ދިރާގުން ބުނީ އެ މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލައި، ކޮންމެ އަހަރަކު ވެސް މިފަދަ ގޮތަކަށް ބަލަމުން ގެންދިއުންކަމަށެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފޮޓޯ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ހުކުރު ދުވަހު 07:30އިން 17:30އަށެވެ.

އެ މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މަޝްހޫރު ޑައިވް ސައިޓެއް ކުރިއާލާވަނީ ކަނޑައަޅާފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން ފަސް ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެއެވެ.

އެ މުބާރާތުގެ ފޮޓޯތައް ބައިނަލްއަގުވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެއެވެ. ވަނަވަނައަށް ދާ މީހުންނަށް ދޭނެ އިނާމުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ބައިވެރިންނަށް ވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 29ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވީ މޯލްޑިވްސް އެލައިންސް އޮޕް ޑައިވް އޮޕަރޭޝަންސްއިން އެ އިވެންޓަށް ދޭ ތަރުހީބު ފާހަގަ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރުތަކަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ދިރާގާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީން މި ހަރަކާތުގައި ބައިވެރިވި ކަމަށްޓަކައި އަޅުގަނޑުމެން ޝުކުރު އަދާކުރަން. އަދި މި މުބާރާތުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުންވަނީ ކަނޑުގެ މާހައުލުގެ ސިއްހަތަށް އިތުރު ސަމާލުކަންދީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދުޅަހެޔޮކަންމަތީ އެ މާހައުލު ދެމެހެއްޓުމަށް މަސައްކަތްކުރަން،" ޑރ. މައުސޫމް ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ތިމާވެއްޓާއި ވަކިން ޚާއްސަކޮށް ކަނޑުތައް ހިމާޔަތްކުރުމަކީ ދިރާގުގެ ސީއެސްއާރުގެ މައިގަނޑު އެއް އަސާސްކަމަށެވެ. އެގޮތުން އެ ފޮޓޯ މުބާރާތަކީ ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ތަފާތު ރީތިކަން ދައްކައިދިނުމުގެ އިތުރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެވެސް ވަރަށް މުހިންމު ބައެއްކަމުގައި ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އޯޝަން ޖިއޮގްރަފިކްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ މި މުހިންމު އިނީޝިއޭޓިވްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް