ބާރުގަދަ ހަމަލާތަކަކުން ޔުކްރެއިންގެ ވެރިރަށް ގުޑުވާލައިފި، ޒެލެންސްކީގެ އޮފީހަށްވެސް ހަަމަލާތައް އެރި

ޔުކްރެއިން އަށް ބާރުގަދަ ހަމަލާތަކެއް މިއަދުވަނީ އަރާފައި

ކިޔެވް (10 އޮކްޓޯބަރު 2022) : ޔުކްރެއިންގެ ވެރިރަށް ކީޔެވް އަށާއި އެގައުމުގެ އިތުރު ތިން ސިޓީއަކަށް ވަރުގަދަ ޙަމަލާތަކެއް ރަޝިއާއިން މިއަދު ދީފިއެވެ.

ޔުކްރެއިން މީޑީއާ ބުނާގޮތުން ކިޔޭވްގެ ތިން ސަރަހައްދެއްގައި ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވާފައެވެ. މި ހަމަލާތައް ދިންކަމަށް ބެލެވެނީ ރަޝިއާއިންނެވެ. ހަމަލާތައް އެރި ތަންތަނުގެ ތެރޭގައި ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ގެ އޮފީސް ހިމެނޭކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޔުކްރެއިންގެ ލޯކަލް މީޑީއާ އާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން ކިޔޭވްއަށް ދިން ހަމަލާތަކުގައި ޔުކްރެއިންގެ ރައީސް ޒެލެންސްކީގެ އޮފީސްވަނީ ފުނޑުފުނޑުވެފައެވެ. ޔުކްރެއިންގެ ސަރުކާރުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކިޔޭވް ގެ އިތުރުން ޔުކްރެއިންގެ ހުޅަނގުގެ ތިން ސިޓީއެއް ކަމަށްވާ ލެވިވް ދެނިބްރޯ އަދި ތޮރުނޯބްލް ގައިވެސް ވަނީ ވަރުގަދަ ގޮވުންތަކެއް ގޮވާފައެވެ. މި ސިޓީތަކަށް ވެސް އަރާފައި ވަނީ ރަޝިއާގެ ވައިގެ ހަމަލާތަކެއް ކަމަށް ވަނީ ބެލެވިފައެވެ.

މިހަމަލާތައް ޔުކްރެއިނަށް އަރާފައި މިވަނީ ރަޝިއާގެ ސްޓްރެޓީޖިކް ބްރިޖެއް ކަމަށްވާ ކްރައިމިޔާ ބްރިޖް ގޮއްވާލި ޓެރަރިސްޓް ހަމަލާދިންތާ ދެ ދުވަސް ފަހުންނެވެ. ކްރައިމިޔާ އާއި ރަޝިއާއާ ދެމެދު އަޒޯފް ކަނޑު ހުރަސްކޮށް އަޅާފައިވާ ބުރިޖަކީ 19 ކިލޯމީޓަރުގެ ދިގު 35 މީޓަރު ފުޅާ ތިންލޭންގެ ބްރިޖެކެވެ. ބްރިޖް ގޮއްވާލާފައި ވަނީ ގޮވާތަކެތި އަޅާފައިވާ ލޮރީއެއް ބޭނުންކޮށްގެންނެވެ.

މި ބްރިޖް ގޮއްވާލާނެކަމުގެ އިންޒާރު ޔޫކްރެއިން އިން އެތައް ފަހަރަކު ވަނީ ދީފައެވެ. ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީގެ މުސްތަޝާރު ވަނީ ރަޝިއާގެ ބްރިޖް ގޮއްވާލި އަމަލަށް މަރުހަބާ ވިދާޅުވެ އެބްރިޖް ގޮއްވާލުމަކީ ރަޝިއާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިން ގެ ބިންތައް މިނިވަން ކުރަން ފެށުމުގެ ފުރަތަމަ މަރުހަލާކަމަށް ސިފަކުރައްވާފައެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވިގޮތުގައި ބްރިޖް ގޮއްވާލުމުގެ ފަހަތުގައި ވަނީ ޔުކްރެއިންއެވެ. މިކަން ރާވައި ހިންގާފައިވަނީ ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ކަމަށް ވިދާޅުވެ ޕޫޓިން ވަނީ މިއީ ރަޝިއާއާ ދެކޮޅަށް ޔުކްރެއިން އިން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ.

ބްރިޖް ގޮއްވާލި ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޕޫޓިން އެކުލަވާލެއްވި ކޮމިޓީން މިކަން ތަހުގީގު ކުރަމުން ގެންދާއިރު ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވަނީ އެކަމާބެހޭގޮތުން ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ގައުމީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވާނެކަން ހާމަކޮށްފައެވެ.

comment ކޮމެންޓް