އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަޙުމަދު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު "ސަން"އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ނާޒިމަށް ދިން އަދަބާ މެދު ހިތްހަމަނުޖެހޭތީ އާއި އެ އަދަބު ކަނޑައަޅާފައި ވަނީ ގާނޫނުގައި އޮތް ގޮތާ ޚިލާފަށްކަމަށް ދައުލަތުން ދެކޭތީ ކަމަށެވެ.
ދައުލަތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ ބެހޭ ގޮތުން ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން ކުރީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމުގެ ހުކުމެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެ ދައުވާ އުފުލީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އޭނާ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯއެއް ލީކް ވެފައިވަނިކޮށެވެ. އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ގާނޫނުލްއުގޫބާތު ބުނާ ގޮތުން ނާޒިމް ސައްތާރުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތެވެ. އެއީ މީހަކާ ކައިވެނިކޮށްގެން ހުރެ އެ ކުށް ކުރުމުންނެވެ.
ނަމަވެސް އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާކުރި ކުށަށް އިއުތިރާފްވެ ތައުބާވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ބުނުމުން އަދަބު ލުއި ކުރީއެވެ. އަދި ޖަލު ހުކުމް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައިވާތީ, ޖަލު ހުކުމުގެ ބަދަލުގައި ތިން މަހާއި 28 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ހުކުމް ކުރީއެވެ.
ފަހަކަށް އައިސް ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް ތަހްގީގު ކުރަމުން އަންނައިރު ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ހުކުމް ވެސް ކޮށްފައެވެ.
އަލަމްގީރުގެ މައްޗަށް މިހާރު ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ ހަތް މަހާއި ހަތް ދުވަހަށް ޖަލަށް ލައިފައެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ކޯޓުގައި އިއުތިރާފު ވެފައެވެ.
އަލަމްގީރާއެކު އެ ހުތުރު އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ނާޒިމް ސައްތާރުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި ރަފީއު ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށަށް އިއުތިރާފްވެފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ ހުކުމް ބޮޑު ކަމަށް ބުނެ، ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ވެސް އިސްތިއުނާފް ކުރަން ނިންމައިފައެވެ.