ރައީސްގެ ދެކަނބަލުން ބަޙްރައިނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަހުމަދު، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން، ބަޙްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހު، ބަޙްރައިންގެ ޝާހީ ގަނޑުވަރު، ޤުޟައިބިއްޔާއިން، އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ، ބަޙްރައިންގެ ރަސްގެފާނު، ޙަމަދު ބިން ޢީސާ އަލް ޚަލީފާއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، ބަޙްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި ރައީސާއި ބަޙްރައިންގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

ރައީސް، ބަޙްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ވަނީ ރާއްޖެ އާއި ބަޙްރައިން އާއި ދެމެދު ހަތަރު އެއްބަސްވުމެއް ބަދަލުކުރައްވައި، ދެ ޤައުމުގެ އިސްބޭފުޅުން މަޝްވަރާކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުންގެ ޝަރަފްގައި ބަޙްރައިންގެ ރަސްގެފާނު ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސް، ވަނީ، ބުދަ ދުވަހު ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑާ އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ބަޙްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި، ބަޙްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަޙްރައިން މުމްތަލަކަތް ހޯލްޑިން ކޮމްޕެނީގެ ޗެއާމަން އާއި ބައްދަލު ކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުންގެ ޝަރަފްގައި، ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ރައީސް ގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސް، ވަނީ، ބަޙްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި، ރައިސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓާނެޓްގެ އަގު ހެޔޮކުރުމަކީ މިސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއްކަން ފާހަގަކުރައްވައި، އެ ލަނޑުދަނޑިއަށް ވާސިލްވުމަށް އެ ކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުމަށް ޝުކުރު އަދާކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން އަދި ބަަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތު އިބްރާހީމް އަލް ޚަލީފާ އާއި ބައްދަލު ކުރައްވާފައެވެ. އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ހުކުރު ދުވަހު ހެނދުނު، ކިންގް ޙަމަދު ޔުނިވާސިޓީ ހޮސްޕިޓަލަށާއި، ބަޙްރައިން އިންސްޓިޓިއުޓް ފޯ ޕާލްސް އެންޑް ޖެމްސްޓޯންސްއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، ބަޙްރައިންގެ ގައުމީ ދާރުލް އާޘާރަށާއި، ބައިތު އަލް ޤުރުއާން ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

ބަޙްރައިނަށް ރައީސްގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ

ރައީސްގެ ދެކަނބަލުން ބަޙްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، މިހާތަނަށް ރާއްޖޭގެ އެންމެ އިސްވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

comment ކޮމެންޓް