ޕޯސްޓްމޯޓަމް ހަދަން އަޒުހާންގެ ހަށިގަނޑު އިންޑިއާއަަށް ގެންގޮސްފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27،ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް، ހަށިގަނޑު މިއަދު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

އެ ދުވަހުން ފެށިގެން އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓައިނުލާ ކުރަމުން ދަނިކޮށް، މި މަހުގެ ދެވަނަ ދުވަހުގެ 17:45ހާއިރު އަޒުހާން ކަމަށް ޝައްކު ކުރެވޭ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ހުސްބިމުންނެވެ.

އެތަނަކީ ވަރަށް ގިނައިން ވިނަ އާއި ގަސް ހެދިފައި އޮންނަ ސަރަހައްދެކެވެ. އެ ހަށިގަނޑު ފެނުނު އިރު އޮތީ މަރުވިތާ ގިނަ އިރު ވުމުން ސިފަ ވަކި ނުވާވަރަށް ކުނިވެފައެވެ.

comment ކޮމެންޓް