ގެއްލުނު މީހާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު، ކިޔާ އުމުރުން 28 އަހަރުގެ ޒުވާނެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ހުއްޓާނުލައި ކުރަމުންދާ ކަމަށާއި އެގޮތުން މިހާތަނަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއާ ފްލައިޓް، އެ ސަރަހައްދުގައި މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބާ ކުރާ ނަމަ 9931082 ގެ އިތުރުން ފެކްސް ކުރާ ނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

ބަންޑުން ޖަހާލި ލޯންޗު، އއ. މާޅޮސް ކައިރިން މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ފެނިފައެވެ.

comment ކޮމެންޓް