މީގެ އެތައް އަހަރެއް ކުރިން ފެށިގެން ރާއްޖޭގައި މަސްތުވުމުގެ ނުރައްކާތެރި އާދަ އައީ ފެތުރެމުންނެވެ. އެކި ދަރަޖައިގެ އެކި ނަން ކިޔާ ޑްރަގުގެ ބާވަތްތަކަށް ދިވެހީން އައީ އަޅުވެތިވަމުން ނެވެ.
ބަނގުރަލުގެ ބާވަތްތަކާއި ތަފާތު އެކި ކުލަކުލައިގެ މާމެލާމެލި ފޮޅޭ, "ޕޮޕީ" ކިޔާ ގަހެއްގައި އަޅާ ޕޮޕީން އުފައްދާ "އޮޕިއަމް" ނުވަތަ އަފިހުން، ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދިވެހީން އައީ ބޭނުން ކުރަމުންނެވެ. އެދުވަސްވަރުގެ ވާހަކަތައް ކިޔައިދޭ ބައެއް މީހުން ބުނާ ގޮތުން ނަމަ، މޮޅު ބިލެތް ގަނޑެއް ފުރިހަމަ ވަނީ ވެސް ކުޑަ އަފިހުން ކޮޅެއް އޭގައި ހިމެނިގެންނެވެ.
މި ނޫން ގޮތްގޮތަށް ވެސް ރާއްޖޭގައި އަފިހުން ބޭނުން ކުރަމުން އައިކަން ދިވެހި ތާރީޚުން އެނގެން އެބަ އޮތެވެ.

އޮޕިއަމް ޕޮޕީ ގާޑަންއެއް --
ނަވާރަ ސަތޭހަ ހަތްދިހައިގެ އަހަރުތަކުގައި އަފިހުން ބޭނުންކުރާ ކޮމިއުނިޓީ ތެރެއަށް މުޅިން އައު ޑްރަގެއް އަނެއްކާ ވެސް ތައާރަފްވާން ފެށިއެވެ. އެއީ ކެނަބިސްގެ ބާވަތެއް ކަމަށްވާ މެރެޖުއާނާ ނުވަތަ ގަންޖާ ފަތެވެ. އޭރުގެ ބައެއް މީހުން އެއަށް ބުންބާ މޮޅު ދުންފަތޭ ވެސް ކިޔާ އުޅުނެވެ.
ގަންޖާގެ އަވާގައި ގިނަ ބަޔަކު ޖެހިފައި ތިއްބާ 1980ގެ އަހަރުތަކުގައި މެރެޖުއާނާ ފަތުން އުފައްދައި މުޅިން އައު ގަންޖާގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ރާއްޖެއަށް ތައާރަފްވެ، އާއްމުވިއެވެ.
އޭރު ރާއްޖެ އިން ލިބެން ހުންނަ ޑްރަގުގެ އެ ބާވަތްތަކަކީ މަސްތުވާ ތަކެތީގެ ދަރަޖަ އަށް ބަލާ ނަމަ، ސޮފްޓް ޑްރަގްސް ނުވަތަ ތަންކޮޅެއް ބާރު ދަށް ޑްރަގެއް ނަމަވެސް އެ ބާވަތުގެ ޑްރަގަކީ ވެސް ބޭނުންކުރާ ކޮންމެ ފަހަރަކުމެ, ސިކުނޑީގެ އެތައް ހާސް ސެލްއެއް ހަލާކު ކޮށްލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ނުރައްކާތެރި ބާވަތެއް ކަމުގެ ހެއްކަކަށް ސައިންސްގެ އެންމެ ފަހުގެ ހޯދުންތައް ފުދެއެވެ.
އެހާ ހިސާބަށް ރާއްޖޭގެ ހާލަތު ދިޔައިރު ވެސް ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު ކަމަށް ދެންނެވޭކަށް ނެތެވެ. އޭގެ ނަތީޖާ އަކަށްވީ ދުނިޔޭގައި ބޭނުންކުރާ އެންމެ އެޑިކްޓިވް ޑްރަގު، ނުވަތަ އެންމެ ފަސޭހައިން ދެވި ހިފާ ޒާތުގެ ޑްރަގު ކަމަށްވާ "ހިރޮއިން" 1992 ހިސާބުގައި ރާއްޖެ އަށް ތައާރަފުވުމެވެ.
މަގުމަތީ ނަމުން ނަމަ ހަކުރުގެ މަޅީގައި ގިނަ ބަޔަކު ޖެހި، މުޖުތަމައު ފަސާދަވާން ފެށި އިރުވެސް، އެފަދަ މީހުންނަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ އިންތިޒާމު ހަމަޖެހިފައެއް ނެތެވެ. ދޭނީ ކޮން ފަރުވާއެއް ކަމެއް ހަދާނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ދެން ހެދި ގޮތަކީ ސިފައިން ނުކުމެ، ހަކުރު ބޯ މީހުން ހިފައި ހައްޔަރު ކުރަން ފެށީއެވެ. އޭގެ ތެރޭގައި ގަންޖާބޯ މީހުން ވެސް ހައްޔަރު ކުރިއެވެ.
އެކަމަކު އެއީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ނުވިއެވެ. އެއްދުވަހުން އަނެއް ދުވަހަށް މަސްތުގެ ވަބާގައި ޖެހޭ މީހުން އައީ ގިނަ ވަމުންނެވެ. ބޭނުން ކުރާ ބާވަތްތައް އައީ ބަދަލު ވަމުންނެވެ.
މިގޮތުގައި އަހަރުތައް ފާއިތުވަމުން ގޮސް 2000ވަނަ އަހަރުގެ މެދުތެރޭގައި ޑްރަގުގެ އެންމެ ނުރައްކާތެރި ވައްތަރުތައް ރާއްޖެއަށް އެތެރެކޮށް، އެ މަޅީގައި ގިނަ ބަޔަކު އަނެއްކާ ވެސް ޖެހެން ފެށީއެވެ.
ފުލުހުން "ސަން"އަށް ބުނިގޮތުގައި ދުނިޔޭގައި ބޭނުންކުރާ އެންމެ ނުރައްކާތެރި ޑްރަގުގެ ބާވަތްތައް ކަމަށްވާ ޕާޓީ ޑްރަގްސް ނުވަތަ ކެމިކަލް ޑްރަގްސް، ދިވެހީންގެ މެދުގައި ހަލުވިކަމާއެކު ފެތުރެން ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
"ކެމިކަލް ޑްރަގުގެ ޑިމާންޑް ބޮޑުވަމުން އައި ގޮތަށް ބަލާއިރު ރާއްޖެއަށް ޑްރަގު ފޯރުކޮށްދޭ ބޭރުގެ ބައެއް ފަރާތްތަކުން، ރާއްޖެއަށް އެތަކެތި ފޮނުވާއިރު ބޯނަހެއްގެ ގޮތުގައި ކެމިކަލް ޑްރަގް ފޮނުވާކަން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.
"އެގޮތަށް ފޮނުވާ ކެމިކަލް ޑްރަގަކީ މާކެޓް ހޯދުމަށް ޓަކައި މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބޭ ފަރާތްތަކަށް އަގުހެޔޮކޮށް ނުވަތަ ފަސޭހައިން ފޯރުކޮށްދެވޭ ތަކެތި،"
ފުލުހުންގެ ތަފާސް ހިސާބުގައިވާ ގޮތުން ނަމަ ރާއްޖެއަށް ޕާޓީ ޑްރަގްސް އާއްމުކޮށް އެތެރެކުރަނީ 10 ގައުމަކުންނެވެ. އެ ގައުމުތަކަކީ ބަންގްލަދޭޝް، މެލޭޝިއާ، ތައިލެންޑް، އިނގިރޭސި ވިލާތް، ޖަރުމަން ވިލާތް، ނައިޖީރިއާ، ގްރީސް، ތުރުކީ، ނެދަލެންޑްސް އަދި ބެލްޖިއަމެވެ.
ކެމިކަލް ޑްރަގު ބޭނުންކުރަނީ ނޫކަށިފުރައިގެ ޒުވާނުން
ފުލުހުން ދިން މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ކެމިކަލް ޑްރަގްސް ބޭނުންކުރާ ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރު 19 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެ ޒުވާނުންގެ ތެރޭގައި އެންމެ ގިނައީ ވަޒީފާތަކުގައި އުޅޭ ޒުވާނުންނެވެ.
އެ ދެ އުމުރުފުރައިގެ އިތުރުން، 15 އަހަރާއި 17 އަހަރާ ދޭތެރޭގެ ކުދިންނާއި އުމުރުން އެންމެ އަށް އަހަރުގެ ކުދިން ވެސް ޑްރަގަށް އަޅުވެތިވެ، ހަތަރުއުދަރެސްފެނުޖެހިފައި އެބަތިއްބެވެ.
އެންމެ ބާރަށް ފެތުރެނީ މެތް، މިއީ ބިރުހުރިކަމެއް!
ދިރާސާއިން ދައްކާ ގޮތުގައި ކްރިސްޓަލްމެތަށް ދެވިހިފުމަކީ ފަރުވާދިނުމަށް އެންމެ އުނދަގޫ ބާވަތުގެ ދެވިހިފުމެވެ.
ފުލުހުން ބުނިގޮތުގައި ޒުވާނުންގެ މެދުގައި އެންމެ މަގްބޫލު ޕާޓީ ޑްރަގަކީ މެތަމްފެޓަމައިން، ނުވަތަ ކްރިސްޓަލް މެތެވެ.
"ޒުވާނުން އެންމެ ގިނައިން ބޭނުން ކުރަނީ މެތަމްފެޓަމައިން، ނުވަތަ ކްރިސްޓަލް މެތް. ދެން އެންމެ ގިނައިން ބޭނުން ކުރަނީ މިއޯ މިއޯ، "މެފެޑްރޯން" އަދި ގުޅައިގެ ބާވަތްތައް،" ފުލުހުން ބުންޏެވެ.
ނުރައްކާތެރި މި ބާވަތްތަކުގެ އިތުރުން އެލްއެސްޑީ އާއި އެކްސްޓަސީ ވެސް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކްރިސްޓަލް މެތަކީ އަސްލު ކޮން އެއްޗެއް؟
ކްރިސްޓަލް މެތަކީ ގަދަޔަށް ދެވި ހިފާ ބާވަތުގެ ވަރަށް ނުރައްކާތެރި ޑްރަގެކެވެ. މި ޑްރަގަށް ދެވިހިފުމަކީ ފަރުވާދިނުމަށް އެންމެ އުނދަގޫ ބާވަތުގެ ދެވިހިފުމެވެ.
މިއީ ތަފާތު ކެމިކަލްތަކުން މަސްހުނިވެފައިވާ، ގުދުރަތީ އެއްވެސް މާއްދާއެއް އޭގައި އެކުލެވޭ ޑްރަގެއް ނޫނެވެ.
ސްޓިމިއުލަންޓެއް ކަމަށްވާ ކްރިސްޓަލް މެތު ތައްޔާރުކުރަނީ ފާމަސީތަކުން ބޭސް ސިޓީއާ ނުލާ ގަންނަން ލިބޭ ރޯގާ ބޭސް ކަހަލަ ގުޅަ ބޭހާއި ބެޓެރި އެސިޑާ، ބަދިގޭ ޒިންކު ސާފު ކުރަން އަޅާ ކެމިކަލް، އަދި ލައިޓަރަށް އަޅާ ގޭސް ފަދަ، ތަފާތު ވިހަ މާއްދާތައް އެކުލެވޭ ކެމިކަލް ބޭނުން ކޮށްގެންނެވެ.
އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ އަދީބު "ސަން"އަށް ކިޔައިދެއްވި ގޮތުގައި މެތުގެ އެންމެ ނުރައްކާތެރި އެއް ކަމަކީ ހެލޫސިނޭޝަން ފެނުމެވެ.
"މެތްގައި އަންނާނެ ޓެކްޓައިލް ހެލޫސިނޭޝަން ކިޔާ ހެލޫސިނޭޝަނެއް. އޭގައި ފެންނާނީ ކުރަފި، ފައިދިގު މަކުނު ކަހަލަ ދިރޭ އެއްޗެހި ހަންގަނޑު ތެރޭގައި ދުވެފައި އުޅޭތަން. އަދި އެ އިހުސާސް ވެސް ކުރެވޭނެ. އެ އެއްޗެހި ނަގަން ވެގެން ނިޔަފަތިން އަތް ތަންތަން ކޮނެ، ފާރުވެފައި ވެސް އެބަހުރި،" އަދީބު ކިޔައިދެއްވިއެވެ.
އަދީބު ފާހަގަ ކުރެއްވި ގޮތުގައި އެއީ މެތްގެ ހެލޫސިނޭޝަންގައި އަންނަ ވަރަށް ނުރައްކާތެރި ހާލަތެކެވެ.

ކްރިސްޓަލް މެތް، ނުވަތަ މެތަމްފެޓަމިން --
މަސްތުވާތަކެއްޗާބެހޭ އެންމެ ފަހުގެ ސައިންޓިފިކް ދިރާސާ ކުރުމުގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ އޮގަނައިޒޭޝަނެއް ކަމަށްވާ ނެޝަނަލް އިންސްޓިޓިއުޓް އޮން ޑްރަގު އެބިއުސް (ނީޑާ)ގެ ސައިންސްވެރިން ވަނީ ކްރިސްޓަލް މެތުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތަކާއި އެތަކެތި ބޭނުން ކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ހާމަކޮށްފައެވެ.
ގިނަދުވަސްވަންދެން މިޑްރަގް ބޭނުންކުރާ މީހުންނަށް ނަފްސާނީ، ޖިސްމާނީ ގިނަ ސިއްހީ މައްސަލަތަކާ ކުރިމަތިވެއެވެ. މީގެ ތެރޭގައި މޮޔަވުމާއި، ގުދުރަތީ ރީތި ދަތްޕިލަޔާއި ހިރުގަނޑު ގިރި، ހަލާކުވުމާއި ޑިޕްރެޝަނާ، މީހާ އާދަޔާ ޚިޔާލަށް ހިކުމާ އަނިޔާވެރިވުން އަދި މަރާ ކުރިމަތިލާންޖެހޭތަން ވެސް އާދެއެވެ.
ފުލުހުން "ސަން"އާ ހިއްސާކުރި ތަފާސް ހިސާބުގައިވާ ގޮތުން ނަމަ 2019 އިން ފެށިގެން މި އަހަރުގެ މިހާތަނަށް ޕާޓީ ޑްރަގްސް ނުވަތަ ކެމިކަލް ޑްރަގްސް ބޭނުން ކޮށްގެން އޯވަޑޯޒްވި 21 ކޭހެއް ފުލުހަށް ރިޕޯޓްކޮށްފައި ވެއެވެ.

ކްރިސްޓަލް މެތް ބޭނުންކުރާ މީހެއްގެ ހިރުގަނޑު ގިރި، ދަތްޕިލާ ހަލާކުވަމުން އައި ގޮތުގެ ހަތަރު ފޮޓޯ --
މި ޑްރަގް ބޭނުންކުރާ މީހާގެ ހަށިގަނޑުން އަސަރު ފިލައިގެން ދާން ފެށުމުން އޭނާގެ ކިބައިން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ޑިޕްރެޝަނަށް ދިޔުމާއި ހާސްވެ، ކަންބޮޑުވުމާއި ވަރުބަލިވުމާއި ކޮންމެ ފަދަ ކަމެއްކޮށްގެން ނަމަވެސް މިޑްރަގް ހޯދައިގެން ބޭނުންކުރަން އަމިއްލަ ނަފުސަށް މަޖުބޫރުވުމާއި އަދި އަމިއްލަޔަށް މަރުވާން އުޅުން ހިމެނެއެވެ.
ބެލެނިވެރިންނާއި ޓީޗަރުންގެ ދައުރު ބޮޑު!
ބަޔަކު އަޑީގައި ތިބެގެން ފައިސާގެ ދަހިވެތިކަމުގައި ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެއްސުމަށް، ރާވައިގެން ބޮޑު ޖަރީމާއެއް ހިންގަމުން އަންނަ ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އެކަމުގެ ސަބަބުން ޤައުމުގެ ޅަދަރިން ހަލާކުވެ، ކުދިންގެ މުސްތަޤުބަލް އެ ދަނީ ގެއްލެމުންނެވެ.
ކަން އެހެން އޮތްއިރު، ކުދިންގެ އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމުގެ ސަބަބުތައް ހޯދުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއަކަށް ނޫނީ ނުވާނެއެވެ.
ދަރިންގެ ފަރާތުން އެފަދަ ކަމަކަށް ޝައްކު ކުރެވޭ ނަމަ، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެ ފަރާތްތަކުގެ އެހީތެރިކަން ހޯދުން ވަރަށް މުހިއްމެވެ. މިހާރަށް ވުރެ ބޮޑަށް އަޅާލައި ކުދިން ބެލެހެއްޓުމަކީ އަދި އެއަށްވުރެ މުހިއްމު ކަމެކެވެ. ނޫނެކޭ ބުނަންޖެހޭ ހާލަތުގައި އެކަމަށް ފަސްނުޖެހި، ނޫނެކޭ ބުނަން ދަސްކޮށްދޭން ޖެހެއެވެ.
ދަރިޔަކު ބަލައި ބޮޑުކުރުމާއި ތަރުބިއްޔަތު ކުރުމަކީ ތަފާތު ދެކަމެކެވެ. ކަން އެހެން އޮތްއިރު، ބޮޑެތިވަމުން އަންނަ ކުދިންގެ ހިތްތަކުގައި އިސްލާމީ ތަރުބިއްޔަތުގެ ގުލްޝަނުގައި ފޮޅޭ މާމެލާމެލިން ދުވާ މީރު ވަހުން ހުވަނދު ލައްވައިދިނުމަކީ ވެސް މައިންބަފައިންގެ ވާޖިކެވެ.
ޒުވާން ޖީލު ހަލާކުވަމުންދާ އިރުވެސް ބަލަން ތިބެނީތަ؟
މިއަދު މަސްތުވާތަކެތީގެ މައްސަލައަކީ ބައިނަލް އަޤުވާމީ މައްސަލައެކެވެ. މިއީ ވަކިރަށެއްގައި ނުވަތަ ވަކިތަނެއްގައި އޮތް މައްސަލައެއް ނޫނެވެ. އެހެންކަމުން މި ވަބާއިން ގައުމު ސަލާމަތް ކުރެވޭނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްގެންނެވެ.
ރިކަވަރީ ކޯޗު އަދީބު، ވިދާޅުވިގޮތުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ރަނގަޅުކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ނެޝަނަލް ޑްރަގް ކޮންޓްރޯލް ޕޮލިސީއެއް އެކުލަވާލުމެވެ. އެ ޕޮލިސީގައި ހާމް ރިޑަކްޝަނާއި ޑިމާންޑް ރިޑަކްޝަނާއި ސަޕްލައި ރިޑަކްޝަންގެ ތިން ބައި އޮންނަން ޖެހޭނެއެވެ.
"މިކަން ކުރާގެ ގޮތާއި ކުރާނެ މީހުންނާއި ޒިންމާ ވާނެ ފަރާތްތަކާއި އަދި އެ ޕްލޭން އިންޕްލިމެންޓްކޮށް އޭތި އިވެލުއޭޓް ކުރާނެ ގޮަތްވެސް އޮންނަންޖެހޭނެ،" އަދީބު ވިދާޅުވިއެވެ.
އަދީބު ފާހަގަ ކުރެއްވި ގޮތުގައި ސައިންސުގެ އަލީގައި ހޯދާފައިވާ އިސްލާމީ މޮޑިއުލަށް ފެތޭ އެކި ވައްތަރުގެ ބައިނަލްއަޤުވާމީ ފެންވަރުގެ ފަރުވާތައް ރާއްޖޭގައި ތިބެގެން އަތްފޯރާ އަގުގައި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ވަރަށް މުހިއްމު ކަމެކެވެ.
ފުލުހުން ބުނި ގޮތުގައި ރާއްޖޭގައި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ ބިރުގަންނަންޖެހޭ މިންވަރަށް މަތިވަމުންނެވެ. އެ ތަކެތި ރާއްޖެ އެތެރެވާ މިންވަރު އަންނަނީ ބޮޑު ތަނުން އިތުރުވަމުންނެވެ.
ފުލުހުން "ސަން"އާ ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށް 26 އޮޕަރޭޝަނެއްގައި ޕާޓީ ޑްރަގްސް ނުވަތަ ކެމިކަލް ޑްރަގާއެކު 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު، އެފަދަ ޑްރަގް އެންމެ ގިނައިން އެތެރެކުރަނީ ޕޯސްޓް މެދުވެރިކޮށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ކެމިކަލް ޑްރަގާ ގުޅުން ހުރި 26 ކޭސްގެ ތެރެއިން ޕޯސްޓް މެދުވެރިކޮށް ކެމިކަލް ޑްރަގްސް އެތެރެކުރަން މަސައްކަތްކުރި ހަ ކޭހަކަށް ފުލުހުން އެޓެންޑް ވެފައިވެއެވެ.
މި ގައުމު، މި ހާލަތަށް ވެއްޓިގެންދާއިރު މިހެން ބަލަން ތިބެވޭކަށް ނެތެވެ. މިއީ ކެކުޅުން ހުރި ކަމެކެވެ. އާދަޔާ ޚިލާފު ބިރުވެރި ކަމެކެވެ. ޑްރަގުގެ މި ހާލަތުން ގައުމު ސަލާމަތްކޮށްދޭނެ ބަޔަކަށް އިންތިހާ ދަރަޖައަށް މި ވަނީ ބޭނުންވެފައެވެ. މަސްތުވާތަކެތީގެ ގައުމީ ބޮޑު މި މައްސަލަ ހައްލު ކުރެވޭނީ އާއިލާތަކާއި ގާނޫނު އެކުލަވާލާ ފަރާތްތަކާއި ގާނޫނު ތަންފީޒު ކުރާ ބާރުތަކާއި އިންސާފުގެ ދާއިރާގެ ލޯ އެކަމަށް ތެދުވެރިކަމާއެކު ސަމާލުވެގެންނެވެ.
ގައުމު ވެއްޓިފައި މި ވާ ޑްރަގުގެ އަނދަވަޅުން ނަގައި ސަލާމަތުގެ އައްސޭރިއަކަށް ގައުމު ގެންދެވޭނީ ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކޮށްގެންނެވެ. މިގޮތަށް ކަންތައް ނުކުރެވިއްޖެ ނަމަ، ކުރިއަށް އޮތީ ގެއްލުން ލިބެނިވި ދުވަސްތަކެކެވެ. އެ ދަވަސްތަކާމެދު ފުންކޮށް ވިސްނާ މީހާގެ ގައިން ހީބިހިނަގާ، ލޮލުން ކަރުނަ ހިލޭ ފަދަ ސީރިއަސް، އަދި އެހާމެ ހިތި ދުވަސްތަކެކެވެ.
އޭރު އޮންނާނީ ދެން ސަލާމަތް ނުކުރެވޭ ވަރަށް ގައުމުގެ ހާލަތުގޮސްފަ އެވެ. މިހާރު ވެސް ލަސްވެއްޖެ އެވެ. އަވަސް ކުރަން އުޅޭށެވެ.