އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

އެކްސިޑެންޓްގައި މަރުވި، ސ. ހިތަދޫ ދުންނިކަގެ، އިބްރާހީމް ހުސައިން ،62،--

އައްޑޫ ސިޓީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ސ. ހިތަދޫ ދުންނިކަގެ، އިބްރާހީމް ހުސައިން ،62،އެވެ.

އޭނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ވެންޓިލޭޓަރުގައި އޮށްވައި ރޭ 12:29 ކަންހާއިރުއެވެ.

އޭނާއަށް އަނިޔާވީ ހިތަދޫ ލިންކްރޯޑްގައި އަލަށް ހަދާ ވިލާ ކޮލެޖް ކައިރިން ދުއްވާފައި ދަނިކޮށް ފަހަތުން އައި ސައިކަލެއް އޭނާގެ ސައިކަލުގައި ޖެހުމުންނެވެ.

އެ އެކްސިޑެންޓުގައި އިބްރާހީމް ހުސައިންގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ދުވަހު އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފައެވެ. ނަމަވެސް ޑޮކްޓަރުން އުއްމީދު ކަނޑާލުމުން އަނބުރާ އައްޑޫއަށް ގެންގޮސް އޭއީއެޗްގައި ވެންޓިލޭޓަރުގައި ބާއްވަން އެޑްމިޓް ކުރީއެވެ.

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހިތަދޫ، ހުސައިން މޫސާ މިސްކިތުގައެވެ.

comment ކޮމެންޓް