ނިކަމެތިންނާއި މުއްސަނދިންގެ ފަރަގު ކުޑަކުރަންޖެހޭ: ރިޔާޒް

ފަގީރުންނާއި މުއްސަނދިންނާ ދެމެދުގައިވާ ފަރަގު ކުޑަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖީއެސްޓީ ބޮޑު ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ރިޔާޒު ވިދާޅުވީ އާއްމު ރައްޔިތުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކްސް ބޮޑުކޮށްފި ނަމަ، އެމީހުން އިތުރަށް ފަގީރުވެ، އުޅެންޖެހޭނީ ލިބޭ އެއްޗަކުން ދެކޮޅުނުޖެހިގެން ކަމަށެވެ.

ސަރުކާރުން މިހާރު ގެންނަން އުޅޭ އިސްލާހުގައި ވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. އަދި މި ބަދަލުތައް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ގެންނަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އޭނާ ވިދާޅުވީ މަހުޖަނުންގެ އަތުން ޓެކްސް ނަގަން އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އެގޮތުން އިންކަމް ޓެކްސް މިހާރު ނަގާ ވަރަށްވުރެ ބޮޑުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވަކާލާތު މި ކުރަނީ ފަގީރުންނާއި ނިކަމެތިންނާ މުއްސަނދިންނާ ދޭތެރޭގައި މި އޮތް ފަރަގު ކުޑަކުރުމަށް. އެކަން ކުރެވޭނީ ތަނަވަސް މީހުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރެވިގެން،" ރިޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަން ފާހަގަ ކުރައްވައި ރިޔާޒް ވިދާޅުވީ ގިނަ ބަޔަކު މިހާރު ވެސް ދިރިއުޅެމުން އަންނަނީ ކަރަންޓް ބިލާއި ފެން ބިލާއި ގޭގެ ކުލި ވެސް ނުދެއްކި، ހާސްކަންމަތީގައި ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް އިލްތިމާސް ކުރަން ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން މިއީ ރަނގަޅު ވަގުތެއް ނޫން. މިހާރުވެސް ރައްޔިތުންނަށް ކުލި ނުދެއްކިގެން، ކަރަންޓް ބިލް، ފެން ބިލް ނުދެއްކިގެން ކޮންމެ ދުވަހަކު ޚާއްސަކޮށް މެންބަރުންގެ ކައިރީގައި އެދެމުން އެ ދަނީ. އަނެއްކާ ވެސް އިތުރު ޓެކްސްތަކެއް މި އަންނަނީ،" ރިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިޔަފާރި ކުރަން ބޭނުންވާ އެތައް ޒުވާނުންނެއް އެބަތިބި ކަމަށާއި އެމީހުންނަށް އެފަދަ ފުރުސަތުތައް ފަހިވާނެ ގޮތަށް އިންވެސްޓްމެންޓް ބޭންކް ތަކާއި ރާއްޖޭގައި ހުރި ބޭންކްތަކުން އެ ފުރުސަތު ހޯދައިދޭންޖެހޭ ކަމަށެވެ. އެއަށްފަހު، އެކަމުން ލިބޭ ނަފާ، ނުވަތަ ޓެކްސް ސަރުކާރަށް ލިބޭ ގޮތް ހަމަޖައްސަންޖެހޭ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ޖީއެސްޓީއަށް މިހާރު ނަގަމުން އަންނަނީ ހަ ޕަސެންޓެވެ. ޓޫރިޒަމްގެ ދާއިރާއިން ނަގާ ޓީޖީއެސްޓީން މިހާރު ނަގަމުން އަންނަނީ 12 ޕަސެންޓެވެ.

comment ކޮމެންޓް