ޕީއެސްއެމްގައި އިންޓާނަލް އޮޑިޓްގެ މަސައްކަތް ކޮށްފައެއް ނެތް: ޢަލީ ހާލިދު

ޕީއެސްއެމްގައި އިންޓާނަލް އޮޑިޓުގެ މަސައްކަތެއް ކޮށްފައެއް ނެތް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މީގެ ކުރިން ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގައި ހުރި އަހުމަދު ފަޒީލް ވަނީ ޕީއެސްއެމްއިން 100 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅުވައިގެން އޭނާ ވަނީ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވެސް ގިނަ ވާހަކަތަކެއް ދައްކައިފައެވެ.

މިދިޔަ ހަފުތާގައި ފަޒީލް އެ ކޮމެޓީ އަށް ހާޒިރުކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓެއް ތައްޔާރުކޮށް، ބޯޑަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ރިޕޯޓުތަކާ ގުޅިގެން ޕީއެސްއެމްގެ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްގެ ވެރިން މިއަދު ވަނީ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ. ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ޙާލިދު ވިދާޅުވީ ފަޒީލް އެ މަގާމުގައި ހުރެގެން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލަން ވެސް ޖެހުނީ އެދެވޭ ނަތީޖާ ނެރެވިފައި ނުވާތީ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އޭގެން އެއްވެސް ރިޕޯޓެއް ކުންފުނީގެ ބޯޑަށް ލިބިފައި ނުވާ ކަމަށެވެ.

ޗެއާމަން ހިލްމީ ވެސް ވިދާޅުވީ ބޯޑަށް ލިބިފައި ވަނީ އެ ކުންފުނީގެ އެމްޑީ، އަލީ އެކުލަވާލެއްވި ހާއްސަ ކޮމެޓީއަކުން ރަނގަޅު ކުރަން ހުށަހެޅި ބައެއް ކަންކަމުގެ ރިޕޯޓްތަކެއް ކަމަށެވެ.

އަލީ ވިދާޅުވީ އޭނާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތައް އޭސީސީއަށް ހުށަހެޅުއްވި ކަމަށެވެ.

"މަގާމާ ހަވާލުވިތާ ފަސް ދުވަސްތެރޭގައި އެ މައްސަލަތަކުގެ ތެރެއިން 14 މައްސަލައެއް އޭސީސީއަށް ހުށަހެޅިން. މެއި މަހު ހުށަހެޅިން އޭގެ ތަފްސީލީ ރިޕޯޓެއް. ތިން މީހުންގެ ކޮމިޓީއެއް އެކުލަވައިލައިފަ މައްސަލަތައް ދިރާސާކޮށްފަ އެކަމަށް ވަރަށް ގިނަ މަސައްކަތާއި ވަގުތު ހޭދަކޮށްގެން ހެކިތަކާ އެއްޗެހި ހޯދައިގެން ތަފްސީލީ ރިޕޯޓެއް ފޮނުވިން. ޖޫން މަހާ ހަަމައަށް ފޮނުވިން 20 މައްސަލައެއް ތަފްސީލާއެކީގައި،" ރިޕޯޓުތަކާ ގުޅިގެން އަލީ ވިދާޅުވިއެވެ.

ޚާލިދު ވިދާޅުވީ އެ މައްސަލަތައް ހުށަހެޅުމަށްފަހު އެ މައްސަލަތައް ކުރިއަށްދާ ގޮތް އޭސީސީގައި އަހައި، އޮޅުންފިލުވާފައި ވާ ކަމަށެވެ. އަދި އޭގެ ފަހުން ޕްރޮސެކިއުޓާ ޖެނެރަލްއާ ބައްދަލުކުރެއްވުމަށްފަހު އެ މައްސަލަތަކުގެ ވާހަކަ ދައްކާފައިވާނެ ކަމަށާއި އެ މައްސަލަތަކާ މެދު ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހަށްވެސް އެ މައްސަލަތައް ހުށަހެޅުއްވި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ މަހުގެ 26ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ފަޒީލު ވަނީ އިތުރު ތުހުމަތުތައް ވެސް ކޮށްފައެވެ.

އެގޮތުން އަޑިޕާކްގައި އެންޓަނާ ޖަހައި، މީޑިއަމް ވޭވް ދޫކުރަން ބޭނުންވާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހަވާލުކޮށްފައި އޮތީ އެ މަސައްކަތަށް ކުރިމަތިލި އެންމެ ގާބިލު ކުންފުންޏަކާ ނޫން ކަމަށް ފަޒީލް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ މަޖިލިސް

އޭގެ ބަދަލުގައި ލަންކާގެ ތާންތޫރީ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތުގެ އެއްބަސްވުން ފަހުން އޮތީ ބާތިލުވެފައި ކަަމަށް އެ ބައްދަލުވުމުގައި ފަޒީލު ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއްބަސްވުން ބާތިލުވެފައި ވަނިކޮށް، މިހާރުގެ އެމްޑީ އަލީ، އެ މަސައްކަތް އަލުން އެ ކުންފުންޏާ ހަވާލުކުރެއްވީ ދައުލަތަށް 18 މިލިޔަން ރުފިޔާގެ ގެއްލުމެއްވާ ގޮތަށެވެ.

ނަމަވެސް އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި މިއަދުގެ ކޮމިޓީގައި އަލީ ވިދާޅުވީ މިހާރުގެ މެނޭޖުމެންޓު ޕީއެސްއެމްއާ ހަވާލުވި ފަހުން އެއްވެސް ކަހަލަ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އެކަން ހިނގައިދިޔައިގޮތުގެ ވާހަކަ ކިޔައިދެއްވަމުން އަލީ ވިދާޅުވީ އެއީ 2012 ވަނަ އަހަރު ހިލޭ އެހީއެއްގެ ދަށުން ރާއްޖެއަށް ލިބުނު މަޝްރޫއެއް ކަމަށެވެ. އަދި އެއީ ޖަޕާނުގެ އެހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ 2012 ވަނަ އަހަރު ލިބުނު ޕްރޮޖެކްޓެއް ނަމަވެސް އެކަން ކުރެވެން ފެށުނީ 2017ވަނަ އަހަރު ކަމަށެވެ.

"މި ޕްރޮޖެކްޓް ކުރިއަަށް ގެންގޮސް 2018 ވަނަ އަހަރުގެ މެދުތެރޭގައި މި ޕްރޮޖެކްޓްގެ އެގްރީމެންޓް ހަމަވެފަ އޮތީ. ދެން އަނެއްކާ 2018 ނިމުނުއިރު މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ބެލިއިރު މި އަންނަނީ އެހެން މެނޭޖުމެންޓެއް،"އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ޕީއެސްއެމްއާ އޭނާ ހަވާލުވީއިރު މުޅި ރާއްޖެއަަކަށް ރޭޑިއޯ ސިގްނަލެއް ނުލިބޭ ކަމަށެވެ. އަދި ރާއްޖޭގެ ވަކި ހިސާބުތަކަށް އެއްވެސް ވަރަކަށް ސިގްނަލް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ނުލިބެން މެދުވެރިވި ސަބަބަކީ އަޑިޕާކުގައި ހުރި އެންޓަނާތައް ނެގުން ކަމަށެވެ. އަދި އާ މެނޭޖުމެންޓެއް އޮވެ، އަޑުގެ ސިގްނަލް ނުލިބޭތީ ވަރަށް ގިނަ ބައެއްގެ ޝަކުވާ އައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަޑިޕާކް އެންޓަނާ މަޝްރޫއު، ތާންތޫރީ ކުންފުންޏާ ހަވާލުކުރުމުގައި ކުރީގެ ބޯޑުން އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދުމުން، އޭސީސީން އެ މައްސަލަ ބެލި ކަމަށެވެ. އަދި އެކަމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީން ޕީއެސްއެމްއަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓް ހަމަވީ އެންމެ ރަނގަޅަށް މަސައްކަތް ކުރިއަށް ނުގޮސްގެން ކަމަށާއި އޭރުގެ ބޯޑުން އެކަން ލަސްވީ ކީއްވެތޯ ބެލިބެލުމުން ތާންތޫރީ އިން ވަނީ އެކަން ލަސްވީ ޕީއެސްއެމްގެ އިހުމާލުން ކަމަށް ބުނެފައިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އޭރުގެ ބޯޑުން ތާންތޫރީއާއެކު މަސައްކަތް ކުރިއަށް ގެންދަން ނިންމި ކަމަށާއި ޕީއެސްއެމްގެ މިހާރުގެ ބޯޑުން އެ ކުންފުންޏާ ހަވާލުވިއިރު، ކުރީގެ ބޯޑުގެ އެ ނިންމުން އޮތް ގޮތަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރުގައި ދިވެހިރާއްޖޭގެ އަޑުގެ މީޑިއަމް ވޭވް ދޫނުކުރެވޭތީ މީޑިއަމް ވޭވް މެދުވެރިކޮށް ދޭ، ރޭޑިއޯގެ ހިދުމަތް އޮތީ ހުއްޓިފައި ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށީ މީޑިއަމް ވޭވްގެ ހިދުމަތް ދޭން އަވަހަށް ފެށުމަށްޓަކައި ކަމަށް އަލީ ވިދާޅުވިއެވެ.

"އެހެންވެ އެ މަޝްރޫއު ފަށަން ވެގެން ޕީއެސްއެމްގެ ލީގަލް ޑިޕާޓްމަންޓްގެ ބޭފުޅަކާއި ޓެކްނިކަލް ބޭފުޅެއް އަދި މަޝްރޫއުގެ ކަންތައް ބަލާ ބޭފުޅަކު މެދުވެރިކޮށް، މަޝްރޫއުގެ ކަންތައް އޮތްގޮތް ބެލި. އަދި ބެލި އިރު މައްސަލަ ތަކެއް ހުރި،" އޭނާ ވިދާޅުވިއެވެ.

ތާންތޫރީއަށް އެ މައްސަލަތައް ހުރިކަން ހިއްސާކުރުމުން، އެ މައްސަލަތައް ހައްލުކުރި ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަން ކުރީގެ ބޯޑުން ނިންމާފައި އޮތް ނިންމުން އޮތުމުން، މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ޕީއެސްއެމްގެ ލީގަލް ބޭފުޅާ ލަފާ ދިން ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

މިއަދުގެ އެސްއޯއީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ވަނީ މިހާރުގެ މެނޭޖުމެންޓުން ވެސް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފޮރުވަން އުޅޭ ކަމުގެ ތުހުމަތުކުރައްވާފައެވެ.

ނަމަވެސް އެ ހުރިހާ ތުހުމަތުތައް ވެސް ޕީއެސްއެމްއިން ވަނީ ދޮގުކޮށްފައެވެ.

comment ކޮމެންޓް