ބަސް ދަތުރުތަކަށް ގަނޑުކޮށް ޓިކެޓް ނެގޭގޮތް ހަދައިފި

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީގެ, ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މާލޭގައި ދެމުން އަންނަ ބަހުގެ ހިދުމަތަށް މިހާރު ގަނޑުކޮށް ޓިކެޓް ނެގޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބަސް ދަތުރުތަކަށް ހޯމަ ދުވަހުން ފެށިގެން އަގުނަގަން ފަށާފައިވާއިރު ދަތުރަކަށް ކަނޑައަޅާފައިވާ އަގަކީ ހަތް ރުފިޔާއެވެ.

ބަސްތަކުން ނަގުދު ފައިސާއަށް ކަރުދާސް ޓިކެޓު ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ފައިސާ މާރުކުރުމަށް ގިނަ ވަގުތު ހޭދަވާނެތީ، ކަރުދާސް ޓިކެޓު ނަގާ މީހުން ސީދާ އަގަށް ވާ ވަރަށް ހަތް ރުފިޔާ ގެންދިއުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބަސް ދަތުރުތަކަށް ބޭނުންވާ ޓިކެޓު ގަތުމަށް އެމްޓީސީސީން މިހާރު މިވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން، އާރްޓީއެލްގެ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ކިއުއާރު ޓިކެޓު މިހާރު ނެގޭނެއެވެ. މި ޓިކެޓު ސްކޭން ކުރުމަށްޓަކައި ބަހަށް އެރުމަށް ފަހު، ޓިކެޓް ދައްކަން ޖެހެއެވެ.

އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. ކިޔު އާރް ޓިކެޓް ސްކޭން ކުރުމަށްޓަކައި ބަހަށް އެރުމަށްފަހު ޓިކެޓް ވެލިޑޭޓްކުރުމަށް ކަނޑައެޅިފައިވާ މެޝިންއަށް ދައްކައިގެން ސްކޭންކޮށްލެވޭނެއެވެ.

ގަނޑުކޮށް ނަގާ ޓިކެޓް ބޭނުން ކުރެވޭނެ މުއްދަތާއި އަގުތައް

* ރިޓާން ޓިކެޓުން ދެ ޓިކެޓް ހަތް ދުވަހު ބޭނުން ކުރެވޭއިރު އަގަކީ ސާދަ ރުފިޔާ

* މަލްޓި ޖާނީ ދިހަ އެއް: މި ޓިކެޓްގައި ދިހަ ދަތުރު ކުރެވޭ އިރުގައި ޓިކެޓް ފަނަރަ ދުވަހަށް ބޭނުން ކުރެވޭ، އަގަކީ ހަތްދިހަ ރުފިޔާ

* މަލްޓި ޖާނީ ތިރީސް: ތިރީސް ދަތުރު ކުރެވޭއިރު ފަނަރަ ދުވަހަށް ބޭނުން ކުރެވޭ، އަގަކީ ދުއިސައްތަ ދިހަ ރުފިޔާ

* މަލްޓި ޖާނީ ފަސްދޮޅަސް: ފަސްދޮޅަސް ދަތުރުކުރެވޭއިރު ތިރީސް ދުވަހު ބޭނުން ކުރެވޭ، އަގަކީ ހަތަރު ސަތޭކަ ވިހި ރުފިޔާ

އެއްފަހަރާ ޓިކެޓް ގަންނަ ފަރާތްތަކަށް ކޮންމެ ފަހަރަކު ޓިކެޓް ނެގުމަށް ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެއެވެ.

ކަރުދާސް ޓިކެޓް ނެގުމަށް ހަމަޖެހިފައިވަނީ ބަހުގެ ތެރެއިންނެވެ. ބަސް ޓިކެޓުގެ ފައިސާ ލުމަށް ހާއްސަ ފޮއްޓެއް ބަސްތެރޭގައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މިހާރު ބަސް ދަތުރުތަކުން އަގު ނަގަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރު ނުފުރޭ ކުޑަކުދިން، އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާގެ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭއިރު، ޔުނީފޯމްގައި ތިބޭ ސްކޫލުކުދިންނަށް ވެސް އެއްވެސް އަގަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިހާރު މަސައްކަތްކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓާކާޑްއާ ގުޅިގެން އީއެމްވީ ކާޑު މި މަސްތެރޭގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. މި ޚިދުމަތާއެކު ވިސާ އަދި މާސްޓާ ކާޑު ގެންގުޅުއްވާ ބޭފުޅުންނަށް ފަސޭހަކަމާއެކު ކާޑު ޖައްސާލައިގެން ފައިސާ ދެއްކުމަށްފަހު ދަތުރުކުރެވޭނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނެފައިވަނީ އާރްޓީއެލް ބްރޭންޑެޑް ކާޑު މި އަހަރު ފަހުކޮޅު ތައާރަފު ކުރެވިގެންދާނެ ކަމަށެވެ. މި ކާޑާއެކު ވިސާ އަދި މަސްޓާކާޑް ނުގެންގުޅޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި އާރްޓީއެލް ކާޑަށް އޮންލައިންކޮށް ޓޮޕްއަޕް ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވުމާއެކު، ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކު ހުރެގެން ވެސް ކާޑަށް ފައިސާ އެޅޭނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ވީހާވެސް ލުއިފަސޭހަކަމާއެކު، ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެމްޓީސީސީން ބުނެއެވެ.

comment ކޮމެންޓް