ވިޒް އެއާއިން ދަތުރުތައް ފަށައިފި، އަބޫދާބީއަށް 1،300 ރުފިޔާއިން ފެށިގެން

ވިޒް އެއާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ތެރެއިން ---

ބަޖެޓް އެއާލައިނެއް ކަމަށްވާ ވިޒްއެއާ އަބޫދާބީގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

އެ އެއާލައިނުން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހަވީރު، 16:50ގައެވެ.

އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ހަތަރު ދަތުރުކުރާނެއެވެ. އެގޮތުން، ދަތުރުކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ، އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރެވެ.

އެ އެއާލައިނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ވިޒް އެއާގެ ދަތުރުތައް ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

"ވިޒް އެއާ އަކީ މިއީ މެދު ފަންތީގެ އަގު ހެޔޮ އެއާލައިނަކަށް ވާތީ، ފްލައިޓްތައް އަގުބޮޑުވުމުގެ މައްސަލައިގެ ސަބަބުން ޑިމާންޑަށް އަންނަ ލޮޅުން ކުޑަކުރެވޭނެ" ޑރ. މައުސޫމް ވިދާޅުވިއެވެ.

ވިޒް އެއާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ތެރެއިން ---

ވިޒް އެއާ އަބޫދާބީގެ މެނޭޖިން ޑިރެކްޓަރު މައިކަލް ބާލުއިސް ވިދާޅުވީ އެ ކުންފުނީގެ ނެޓްވޯކް ރާއްޖެއާއި ހިސާބަށް ފޯރުމަކީ ލިބޭ އުފަލެއް ކަމަށެވެ. މިއީ އެ އެއާލައިނުން އިރުމަތިން އެންމެ ދުރަށް ދަތުރުކުރާ މަންޒިލުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދުން ފެށިގެން ވެސް ރަނގަޅު ލޯޑެއް އެބައުޅޭ. [މި ފްލައިޓް އަބޫދާބީއަށް] އަނބުރާ ދާއިރު 100 އެއްހާ މީހުން އެބަ ދޭ" އޭނާ ވިދާޅުވިއެވެ.

އެ އެއާލައިން މީގެ ކުރިން އިއުލާނުކުރި ގޮތުގައި ޔުއޭއީގެ ވެރިރަށް އަބޫދާބީން ރާއްޖެ އަށް ދަތުރުތަކުގެ އަގު ފެށެނީ ކޮޅަކަށް 319 ދިރުހަމް އަށެވެ. ދިވެހި ރުފިޔާ އިން އެއީ 1،333 ރުފިޔާއެވެ.

އެ އެއާލައިނުގެ ޓިކެޓް ނެގުމަށް ވިޒް އެއާގެ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ޓިކެޓް ބުކް ކުރާއިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުންކުރުމުން، ފުރުމުގެ ތިން ގަޑިއިރުކުރިން ދަތުރު ކެންސަލް ކުރިނަމަވެސް "ފުލް ރިފަންޑު ވިޒް" އެކައުންޓަށް ލިބޭނެއެވެ.

ވިޒް އެއާލައިންގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި އޭރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް 200 މިލިއަން ފަސިންޖަރުން އެ އެއާލައިން އިން ދަތުރުކޮށްފައިވާތީ އެކަން ވަނީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އެ އެއާލައިންގެ މަގުސަދަކީ އޭގެން ދަތުރުކުރާ އެންމެނަށްވެސް އަތްފޯރާ އަގެއްގައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް އެ އެއާލައިނުން ބުނެއެވެ.

comment ކޮމެންޓް