ކެސިނޯ ތައާރަފް ކުރަން ފައި ނުނަގާތި، ކެތްކުރެވޭނީ ވެސް ވަކި ވަރަކަށް: ސަލަފް

ސަލަފް ޖަމިއްޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖުތަމައު ފަސާދަވާ ބާވަތުގެ އެހެނިހެން ޖަރީމާތައް އާއްމުކުރުމަށް ތަފާތު އުކުޅު ބޭނުންކުރާ ފަދައިން، ރާއްޖޭގައި ކެސިނޯ ތައާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް ޖަމްއިއްޔަތުއްސަލަފުން އިލްތިމާސްކޮށްފިއެވެ.

ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ މުޙައްމަދު، މިކަމަށް އިލްތިމާސް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޔޫތު މިނިސްޓަރު އަހްމަދު މަޙްލޫފާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ޖާބިރު ސުވާލުކުރެއްވީ ވަރަށް ހައި ލެވެލް ޓޫރިޒަމެއްގައި ރާއްޖެ އޮޕަރޭޓް ކުރާއިރު، ފައިދާ ނުވާ ގޮތަށް ސްޕޯޓްސް ޓޫރިޒަމް ހިންގުމުގެ ބަދަލުގައި ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ޓަކައި ކެސީނޯ ހިންގުމުގެ ލައިސަންސް ބޭނުންވާތީ އެކަމަށް ހުއްދަ ނުދެވިގެން އުޅެނީ ކީއްވެތޯއެވެ.

މި ވާހަކައިގެ ރައްދުގައި ޝައިޚް އަބްދުﷲ ވިދާޅުވީ ޖުވާ ކުޅުމަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާ، އުއްމަތުގެ އިޖުމާޢު އިން ޙަރާމްކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް އިންކާރު ކުރާމީހާ އަކީ ޤުރުއާނަށް އީމާންނުވާ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެނިހެން ޖަރީމާތައް ރާއްޖޭގައި ޢާއްމުކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާފަދައިން، އެހެނޭ ކިޔާފައި ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް އިލްތިމާސްކުރަން،" ޝައިޚު އަބްދުﷲ ވިދާޅުވިއެވެ.

ޝައިޚު އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތައް ހިފަހައްޓައިގެން ކެތްތެރިކަމާއެކު ތިބޭވޭނީ ވެސް ވަކި ވަރަކަށް ކަމަށެވެ.

"ރައްޔިތުންގެ ޝުއޫރުތައް ހިފަހައްޓައިގެން ތިބެވޭނީ ވަކި ވަރަކަށް. ހެޔޮ ޤާނޫނުތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރާތި. އެހާރުން ޤާނޫނު ތަންފީޒްކުރަން ނިކުންނާނީ ރައްޔިތުން،" ޝައިޚު އަބްދުﷲ ވިދާޅުވިއެވެ.

ޝައިޚު އަބްދުﷲ ވިދާޅުވީ ކެސިނޯއަކީ ޙަރާމް ޖުވާކުޅޭ އާލާތެއް ކަމަށާއި އެއީ މަސްބާނާން ގެންގުޅޭ އާލާތެއް، ނުވަތަ ދޮންވެލި ސާފުކުރާން އޮތް ބަތްޕޮޅިއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކެސިނޯއަކީ ހަޑިމުޑުދާރު ކުނި ކަމަށާއި އަދި މީސްތަކުންގެ މުދާ ފޭރޭ މެޝިނެއް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ޖާބިރުގެ ވާހަކައަށް ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމަކީ އެއްވެސް ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ކެސިނޯ ހިންގުމުގެ ލައިސަންސް ދިނުމާބެހޭ ގޮތުން މެންބަރުންގެ ފަރާތުން ތަކުރާރުކޮށް ސުވާލު އަންނަ ކަމަށެވެ.

comment ކޮމެންޓް