މަރުވެ، ކުނިވެފައި އޮށްވައި ފެނުނު ކަމަށް ބެލެވޭ، މުޙައްމަދު އަޒުހާން، 27، އާއި ލިއުޝާ އަލީ، 29، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވީ ހަތަރު މަހެއް ހާ ދުވަހެވެ. އެ ހަތަރު މަސް ދުވަހުގެ ތެރޭގައި ކުރިން ތަޖުރިބާ ކުރަން ނުޖެހޭ ކަންތައްތަކެއް ލިއުޝާއަށް ތަޖުރިބާ ކުރަން ޖެހުނެވެ. އެއަށް ފަހު ދެން އިވިގެން މިދިޔައީ އަޒުހާންގެ ކުއްލި ވަކިވުމުގެ ޚަބަރެވެ.
ކުރިން ކައިވެންޏެއް ކޮށް ދަރިއަކު ވެސް ހުންނަ ލިއުޝާ "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާއަށް އަޒުހާނާއެކު އުޅުމުގެ ތެރެއިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އަޒުހާންގެ ހުންނަ ނަފްސާނީ މައްސަލައެކެވެ. ލިއުޝާ ކިޔައިދިން ގޮތުގައި އަޒުހާން، ނަފްސާނީ ބައްޔެއް ކަމަށްވާ ސްކިޒޮފްރޭނިއާއަށް ފަރުވާ ކުރާތާ ވަރަށް ދުވަސް ވެއްޖެއެވެ.
"އަޒުހާންގެ ހުންނާނެ މެންޓަލް އިލްނެސްއެއް (ނަފްސާނީ ބައްޔެއް). ސްކިޒޮފްރޭނިއާ ކިޔާ. ބައެއް ފަހަރު އޭނާއަށް އަސްލެއްނެތް އަޑުތައް އިވޭނެ. އިވުނީމަ އުޅޭނެ ވަރަށް ރުޅި އައިސްގެން އެޕިސޯޑް އެއްޗިސް އަންނައިރުގައި. އެކަހަލަ ގަޑިގަޑީގައި ވަރަށް އުނދަގޫވާނެ އަޒުހާނަށް ގަބޫލު ކޮށްދޭން އެ އަޑުތަކަކީ އަސްލު ހުންނަ އަޑުތަކެއް ނޫންކަން،" ލިއުޝާ ކިޔައިދިނެވެ.
ސްކިޒޮފްރޭނިއާއަކީ އެތައް އަލާމާތްތަކެއް އެކުލެވޭ ދާއިމީ ނަފުސާނީ ބައްޔެކެވެ. އިނގިރޭސި ވިލާތުގެ، ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)އިން މި ބައްޔާ ބެހޭގޮތުން ޝާއިއު ކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން މިއީ ސައިކޮސިސްގެ ވައްތަރެކެވެ. ސައިކޮސިސްއަކީ ކަންކަން އޮތްގޮތުގެ ހަގީގަތާއި ތިމާގެ އަމިއްލަ ވިސްނުމުގެ ތެރޭގައި އުފެދޭ އެކިއެކި ޚިޔާލުތަކާ، މި ދެމެދުގައި ހުރި ފަރަގު ވަކިކުރަން ނޭނގުމެވެ. އެހެންކަމުން ސްކިޒޮފްރޭނިއާއަކީ މީހާ ވިސްނާގޮތާއި އުޅޭ ގޮތް އަދި މީހާގެ އަމަލުތައް ބަދަލު ކޮށްލާ ނަފުސާނީ ބައްޔެކެވެ.
ސްކިޒޮފްރޭނިއާ ހުންނަ މީހުންނަށް ބަލީގެ އަލާމާތްތައް މެދުވެރިވަނީ ވަކި ދުވަސްވަރެއްގައެވެ. މިއަށް ކިޔަނީ އެޕިސޯޑްސް އޮފް ސްކިޒޮފްރޭނިއާއެވެ. ސްކިޒޮފްރޭނިއާ އެޕިސޯޑެއްގައި ބަލީގެ ގިނަ، ބޮޑެތި އަލާމާތްތައް ފެނެއެވެ. އަދި އެއަށް ފަހު ބަލީގެ މާ ބޮޑެތި އަލާމާތްތަކެއް ނުފެންނަ ނުވަތަ އެއްގޮތަކަށް ވެސް ބަލީގެ އަލާމާތްތަކެއް ނުފެންނަ ދުވަސްވަރެއް އާދެއެވެ.
އަޒުހާންގެ ނަފްސާނީ އުނދަގޫތަކާ ހެދި މާ ރުޅިގަދަވުމުގެ ސަބަބުން މީގެ ކުރިން ޖެންޑާ މިނިސްޓްރީއާއި ފުލުހުން ވެސް އަޒުހާން ދިރިއުޅޭ ގެއަށް ގޮސް އެކަން ހައްލު ކޮށްފައި އެބަހުރި ކަމަށް ލިއުޝާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އަޒުހާން އެންމެ ގިނައިން ކުރާ ޝަކުވާއަކީ އަޒުހާން ހިޔާ ފްލެޓްގައި ދިރިއުޅޭ ފްލެޓާ ޖެހިގެން ހުންނަ އެޕާޓްމަންޓްގެ މީހުން އޭނާއަށް އެއްޗެހި ކިޔުމެވެ. ނަމަވެސް އަޒުހާންގެ އާއިލާއިން ބުނާގޮތުގައި އެއީ އަޒްހާނަށް ހީވާ ގޮތްތަކެއް ކަމަށް ލިއުޝާ ބުންޏެވެ. ލިއުޝާއާއެކު އުޅޭއިރު ވެސް ބަޔަކު އެއްޗެހި ކިޔާހެން ހީވެގެން އަޒުހާން ދޭތެރެއަކުން ރުޅިގަދަކޮށް ހަދާ ކަމަށާއި އެއީ ވެސް އަޒުހާނަށް ހީވާ ހީވުންތަކެއް ކަމަށް ލިއުޝާ ބުންޏެވެ. އަޒުހާން ގެއްލުމުގެ އެއް ދުވަސް ކުރިން ވެސް ކަންވީ އެގޮތަށެވެ.
ލިއުޝާ ބުނިގޮތުގައި އޭނާއާ އަޒުހާން ވަކިން ބައްދަލު ކުރުމަށް ހުޅުމާލޭގެ ގެސްޓް ހައުސްތަކަށް ގިނައިން ގޮސް އުޅެއެވެ. އެއީ އަޒުހާން ގޭގައި ހުންނަން ވަރަށް ބޭނުން ނުވާތީ ކަމަށް ލިއުޝާ ބުންޏެވެ. އެގޮތުން ސެޕްޓެމްބަރު 16 ވަނަ ދުވަހު ވެސް އެ ދެ މީހުން ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ކޮޓަރީގައި ވަގުތު ހޭދަކުރިއެވެ. އެ ދުވަހު ވެސް ކުއްލިއަކަށް އެޕިސޯޑެއް އައިސް އަޒުހާން ރުޅިގަދަވާން ފެށި ކަމަށް ލިއުޝާ ބުންޏެވެ.
ލިއުޝާ ބުނިގޮތުގައި އަޒުހާން އެރޭ ރުޅިގަދަވީ އެ ގެސްޓް ހައުސްގައި އެ މީހުން ތިބި ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ މީހުން އަޒުހާނާ ދިމާލަށް އެއްޗެހި ކިޔާ އަޑުއިވިގެން ކަމަށް ބުނެއެވެ. ނަމަވެސް އެކަހަލަ ކަމެއް ނުހިނގާ ކަމަށާއި އެފަދަ އެއްވެސް އަޑެއް އޭނާއަށް ނީވޭ ކަމަށް ލިއުޝާ ބުންޏެވެ.
"ސަޓަޑޭ މޯނިން (ގެއްލުމުގެ އެއް ދުވަސް ކުރިން) ހޭލެވުނުއިރުގައި ރޫމް ތެރޭގައި އަޒުހާން އުޅޭ ވަޅިއެއް ހިފައިގެން ހަމަ. ހަމަ ވަރަށް ރުޅި އައިސްގެން. ވަރަށް ވަޔަލެންޓްކޮށް. ވަޅި ގަނެގެންނޯ އައީ ބުނީ ލިއޫ ނިދާފައި އޮށްވައި،" ލިއުޝާ ކިޔައިދިނެވެ.
ނަމަވެސް އެކި ގޮތްގޮތުން ވާހަކަ ދެއްކުމުން އަޒުހާން ފަހުން ހަމަޖެހުނު ކަމަށް ލިއުޝާ ބުންޏެވެ. އަދި ސެޕްޓެމްބަރު 17 ވީ ހޮނިހިރު ދުވަހު އަޒުހާން ހަމަޔަކަށް އެޅުވުމަށް ފަހު އެ ދުވަހު މެންދުރު ލިއުޝާ އައީ މާލެއަށް ކަމަށް އޭނާ ބުންޏެވެ. އެއީ ލިއުޝާ ދިރިއުޅެނީ މާލޭގައި ކަމަށް ވާތީއެވެ.
"ލިއު މާލެ އައިފަހުން ވެސް ވަރަށް ސުއިސައިޑަލް (އަމިއްލައަށް މަރުވުމުގެ) ވާހަކަ ދައްކާފައި ހުރި. އަޒްހާންގެ ސައިކަލް ލިއުއަށޭ. އަޒުހާންގެ ބިލޯންގިންސް (ތަކެތި) ކޮންމެވެސް ފްރެންޑަކަށް ހަވާލު ކުރާނަމޭ. ދެން އެކަހަލަ އެއްޗެހި. އެހާ ބޮޑަކަށް ގެޓެއް ނުވޭ،" ލިއުޝާ ބުންޏެވެ.
އަޒްހާން އަމިއްލައަށް މަރުވުމުގެ ވާހަކަ ދައްކާތީ ހޮނިހިރު ދުވަހުގެ މެންދުރު 3:00 ޖަހާކަންހާއިރު ލިއުޝާ އަނެއްކާ ވެސް އޭނާ ކައިރިއަށް ހުޅުމާލެއަށް ގޮސް އިތުރު ގެސްޓް ހައުސްއެއްގެ ރޫމަކަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އެއަށް ފަހު އަޒްހާންގެ އާއިލާއިން އޭނާ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓް ކުރަން މަސައްކަތް ކުރާ ވާހަކަ ހިއްސާކޮށް އަޒްހާން އެކަމާ ނުރުހިގެން ވަރަށް ވާހަކަ ދެއްކި ކަމަށް ލިއުޝާ ބުންޏެވެ.
ލިއުޝާ ބުނީ އަޒްހާނާ އޭނާއާ އެ ދުވަހު މައްސަލަ ޖެހުނީ އަޒުހާން އަމިއްލައަށް މަރުވާން އުޅޭހެން ހީވާތީ އެކަމާ ޝަކުވާ ކުރުމުން ކަމަށެވެ. ނަމަވެސް ފަހުން އަމިއްލައަށް މަރުނުވާނެ ކަމުގެ ޔަގީންކަން އަޒްހާން ދިން ކަމަށް ލިއުޝާ ބުންޏެވެ.
"އަސްލު ގަބޫލެއް ވެސް ނުކުރެވޭ ސުއިސައިޑެއް ކަމެއް. އެކަމަކު ވަރަށް ސުއިސައިޑަލް ވާހަކަ ދައްކާފައި ހުރި އެ ދުވަހު މައްސަލަ ނުޖެހޭއިރުގައި ވެސް،" ލިއުޝާ ބުންޏެވެ.
އޭނާ ބުނީ ހޮނިހިރު ދުވަހުގެ ރޭ ވެސް ދެ މީހުން ގެސްޓް ހައުސްގެ ކޮޓަރިއަށް ވަދެ އިރުކޮޅެއް ނުވަނީސް ޖެހިގެން ހުރި ރޫމްގެ މީހުން އަޒުހާނާ ދިމާލަށް އެއްޗެހި ކިޔާހެން ހީވެގެން އަޒުހާން ރުޅިގަދަވާން ފެށި ކަމަށެވެ.
"ގެސްޓް ހައުސްގައި އަޑުގަދަވެ ޒުވާބުކޮށް އެކަހަލަ އަޑެއްއިވެއޭ އެ ބުނަނީ އެއީ ހަމަ އަޒުހާން ރުޅި އައިސްގެން ހަޅޭއްލަވާ އަޑު. އޭނާ ރުޅިގަދަ ކުރީ ޖެހިގެން ހުރި ރޫމުން މީހުން އެއްޗެހި ކިޔަނީ ކަމަށް ބުނެ. އެއީ ދެން އަބަދުވެސް ކިޔާ އެއްޗެއް. ފާރާވެސް ވާހަކަ ދައްކާނެ ބައެއް ފަހަރު،" ލިއުޝާ ބުންޏެވެ.
"އެހިސާބުން މައްސަލަ ޖެހުނީ އެރޭ. ހަމަ މެންޓަލް އިލްނެސް (ނަފްސާނީ ބަލީ) ކަންތަކުގައި. އަޒްހާން ގަބޫލު ކުރޭ ޖެހިގެން ތިބޭ މީހުން އެއްޗެހި ކިޔާ ކަމަށް. އެކަމަކު ލިއުއަކަށް އަޑެއް ނީވޭ. އެހެން ވެއްޖެއްޔާ ލިއު ބުނާނީ ލިއުއަކަށް އަޑެއް ނީވޭ. ދެން އަޒުހާނަށް ހީވީ ޖެހިގެން ހުރި ރޫމްގައި އުޅޭ މީހުންނާ ލިއުއާ ގުޅުން އޮވެއޭ،"
ލިއުޝާ ބުނީ އަޒުހާން ރުޅިގަދަ ކުރާވަރުން އެރޭ (17 ސެޕްޓެމްބަރު) ދަންވަރު އެކެއް ޖަހާކަންހާއިރު ރޫމުން ނުކުމެގެން އެ ދިމާލު ގޮނޑުދޮށަށް ދިޔަ ކަމަށެވެ. ފަހަތުން އަޒުހާން ވެސް އައި ކަމަށާއި ފަހުން އޭނާ ހަމަޔަކަށް އެޅުމުން އަނެއްކާ ވެސް ދެ މީހުން ރޫމަށް ދިޔަ ކަމަށް ލިއުޝާ ބުންޏެވެ. ނަމަވެސް ކުޑައިރުކޮޅެއް ފަހުން އަނެއްކާ ވެސް އެ އަޑުތައް އިވޭ ކަމަށް ބުނެ ވަރަށް ހުތުރުކޮށް އަޑުގަދަ ކުރަން އަޒުހާން ފެށި ކަމަށް ލިއުޝާ ބުންޏެވެ.
"ލިއުއަކަށް ނުކެރުނު ނިދާކަށް ވެސް. ލިއު އިނީ ހޭލާ. އިނދެފައި ލިއު ބުނީ އަޒްހާން ކައިރީގައި އަޒްހާން އޯކޭހޭ ލިއު މާލެ ދިޔަސް. ހެނދުނު ޖެހެއޭ އޮފީހަށް ދާން ވެސް. އަޒުހާން އޯކޭއިއްޔާއޭ ދާނީ. އޭރު އެއީ ސަންޑޭ (18 ސެޕްޓެމްބަރު ވީ އާދިއްތަ ދުވަސް)ގެ ހެނދުނު. ބުނީމަ ބުނީ އޯކޭއޭ. ލިއު ދާށޭ. އަޒުހާންގެ ރައްޓެހިން ކޮޅެއް މިތަނަށް ގެންނާނީއޭ،" ލިއުޝާން ބުންޏެވެ.
އެހާ ހިސާބުން ލިއުޝާ ޓެކްސީގައި މާލެއައެވެ. އޭގެ ފަހުން ވެސް އަޒުހާނަށް ވީޑިއޯ ކޯލް ކުރި ކަމަށާއި އޭނާ ފަހުން ހުރީ ހަމަޖެހިގެން ކަމަށް ލިއުޝާ ބުންޏެވެ. އަދި މާލެ އައިސް އެރޭ ފަތިހު ލިއުޝާ ނިދިއެވެ. ހޭލެވުނީ އާދިއްތަ ދުވަހުގެ 9:00 ޖަހާކަންހާއިރުއެވެ. އޭރު އަޒްހާން ވަރަށް ގިނައިން ގުޅާ މެސެޖް ކޮށްފައި ހުއްޓެވެ. ދެން ގުޅާގުޅާ އަޒުހާން ފޯނެއް ނުނަގައެވެ.
ލިއުޝާ ވަނީ އަޒްހާން އޭނާއަށް އެންމެ ފަހުން ކޮށްފައި ހުރި މެސެޖްތައް ވެސް މި ނޫހާ ހިއްސާކޮށްފައެވެ. އޭގައި އޭނާގެ ނަފްސަށް ގެއްލުން ދޭނެ ވާހަކަ ވެސް ބުނެފައި ހުއްޓެވެ. އޭގެ އިތުރުން އަމިއްލަ ނަފުސު ވަރަށް ދަށްކޮށް ގިނަ ވާހަކަތަކެއް ދައްކާފައި ހުއްޓެވެ. އަދި އެއްޗެހި ކިޔައި ހެދުނީތީ މާފަށް އެދިފައި ވެސް ހުއްޓެވެ.
ލިއުޝާއަށް އަޒުހާން އެންމެ ފަހު މެސެޖް ކޮށްފައި ވަނީ 18 ސެޕްޓެމްބަރުވީ އާދިއްތަ ދުވަހުގެ 6:05 ގައެވެ. އެންމެ ފަހުން އޮންލައިންވި ކަމަށް އޮތީ 6:07ގައެވެ.
އަޒުހާން ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އުމުރުން 27 އަހަރުގެ އަޒުހާން ހޯދުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ އެހާތަނަށް ބެލި ސީސީޓީވީ ފްޓޭޖްތަކަށް ބަލާއިރު، އޭނާ އެންމެފަހުން ފެނިފައި ވަނީ، ފޭސް އެކެއްގެ ރެޑްބުލް ދަނޑު ހިމެނޭ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ކަމަށެވެ.
ފުލުހުން ބުނީ އެހާތަނަށް ބެލި ބެލުމުން އަޒުހާން ވަނީ ހުޅުމާލޭ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސްއިން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށްގޮސްފައިކަން އެނގިފައިވާ ކަމަށެވެ.
އެ ޓަވަރަށް އެރުމަށްފަހު އަޒުހާން ވަނީ ފަތިހު 04:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއެއްގައި ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އަނބުރާ ގޮސްފައި ކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން އެ ދެ ކާރުގެ ޑްރައިވަރުން ހޯދިފައިވާއިރު އެންމެފަހުން އަޒުހާން އުޅުނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުގައިކަމަށް ވެސް ފުލުހުން ބުނެއެވެ. މަރުވެފައި އޮށްވައި ފެނުނީ އެ ހިސާބު ގަސްތަކެއްގެ ތެރެއިންނެވެ.
އަޒްހާނަށް ނުގުޅޭތީ އޭނާ އުޅޭނެހެން ހީވާ ހުރިހާ ތަނެއް ވެސް ބެލި ކަމަށް ލިއުޝާ ބުންޏެވެ. ގޭގެ އާއި މާލޭގެ ތަންތަން ވެސް ބެލިއެވެ. ނަމަވެސް އެއްވެސް ހަބަރެއް ނުވިއެވެ. ދެން އިވުނީ މަރުވި ހަބަރެވެ.
ލިއުޝާ ބުނިގޮތުގައި އަޒުހާން ސްކިޒޮފްރޭނިއާއަށް ކާ ބޭސް ހުސްވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަޒުހާން ދައްކާ ޑޮކްޓަރު ޗުއްޓީގައި ހުރުމުން އިތުރު ޑޮކްޓަރަކަށް ނުދެއްކިގެން އުޅުނު ކަމަށް ވެސް ލިއުޝާ ބުންޏެވެ. އަދި ނަފްސާނީ ޑޮކްޓަރަށް ދެއްކުން މެދުކެނޑުނީ ހަމުގެ އިންފެކްޝަނެއް ޖެހިގެން، މިދިޔަ މަހު އަޒުހާން އޮޕަރޭޝަނެއް ކުރަން ޖެހުނު ހިސާބުން ކަމަށް ވެސް ލިއުޝާ ބުންޏެވެ.
މީހަކު އަޒުހާން މަރާލީ ކަމަކަށް ނުބެލެވޭ: ލިއުޝާ
އަޒުހާންގެ މަރުވިގޮތެއް އަދި ނޭނގެއެވެ. ފުލުހުން އެންމެ ފަހުން ވެސް ބުނީ މީހަކު އަޒުހާން މަރާލި ކަމަށް ބެލެވޭނެ ހެތްކެއް ނުލިބޭ ކަމަށެވެ.
ލިއުޝާ ބުނީ އޭނާއަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އަޒުހާނާ އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން ނޫޅެއެވެ. އަދި އޭނާއަކީ ނުރައްކާތެރި ކުށްވެރިންނާ ގުޅުން އޮންނަ މީހެއް ވެސް ނޫނެވެ. އެހެން ކަމުން މީހަކު އަޒުހާން މަރާލަފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ލިއުޝާ ބުންޏެވެ.
"ސުއިސައިޑެކޭ ބުނާކަށް ވެސް އަސްލު ނޭނގެ. އަޒުހާނަކީ ސުއިސައިޑަލް ތޯޓްސް ވަރަށް ހުންނަ މީހެއް. އެކަމަކު ބަޔަކު ކަމެއް ކޮށްފާނެ ހެނެއް ހިޔެއް ނުވޭ އެއްވެސް ވަރަކަށް،" ލިއުޝާ ބުންޏެވެ.
ލިއުޝާ ބުނީ އަޒުހާން މަސްތުވާއެއްޗެއް ބޭނުން ކުރާތަން އޭނާއަށް ނުފެންނަ ކަމަށެވެ. އަދި ރުޅިގަދަވާ ވަގުތު މަސްތުވާތަކެތި ބޭނުން ކުރާ ވާހަކަ ބުނާ ނަމަވެސް ފަހުން އެ ވާހަކަ ދޮގުކޮށް އަޒުހާން ވާހަކަ ދައްކާ ކަމަށް ވެސް ލިއުޝާ ބުންޏެވެ.