އަޒުހާން މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް: ފުލުހުން

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދާ މުހައްމަދު އަޒުހާން --- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާން، 27، މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އަޒުހާނުގެ މަރުގެ މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އަޒުހާނުގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެގެ ވަގުތެއްގައި ފެނިފައިވާއިރު، އެ ވަގުތުން ފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހްގީގު ބަދަލުކޮށް، މައްސަލަ ބަލަން ފައިވާކަމަށެވެ.

އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތިން އޮންނަ ގަސްތަކުގެ ތެރެއިން ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އޭނާގެ މޮބައިލް ފޯނު ވެސް މިހާރު ހޯދިފައިވާ ކަމަށެވެ. ނަމަވެސް ފޯނު ހޯދި ވަކި ތަނެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަޒުހާން ގެއްލިގެން އޭނާގެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުކަމަށެވެ. އަޒުހާނު ފޯނު ނަމްބަރުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށްވާއިރު، ސިގްނަލް އެންމެ ފަހުން ލިބުނު ތާރީޚެއް ފުލުހުން ނުބުނެއެވެ.

ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަޒުހާންގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް