އޮސްލޯ (3 އޮކްޓޯބަރު 2022): ރަޝިއާގެ ގޭހަށް ބަރޯސާވުން ކުޑަކުރުމަށް ޓަކައި ނޯވޭއާއި ޕޮލެންޑާ ދެމެދު ބިނާކުރި ގޭސްހޮޅި އިއްޔެ އިފްތިތާހުކޮށްފިއެވެ.
"ބޯލްޓިކް ޕައިޕް"ގެ ނަމުގައި މިހޮޅި އިފްތިތާހު ކުރީ ނޯވޭއާއި ޑެންމާކް އަދި ޕޮލޭންޑްގެ އިސްވެރިންނެވެ. މިހޮޅި ބިނާކޮށްފައިވަނީ ޑެންމާކުގެ ތެރެއިން ގޮސް ބޯލްޓިކް ކަނޑު ހުރަސްކޮށް ޕޮލެންޑާ ހަމައަށެވެ. މިގޭސް ހޮޅި އިފްތިތާހު ކުރުމާއެކު ނޯވޭއިން ވަނީ މިހޮޅިން ޑެންމާކަށާއި ޕޮލެންޑަށް ގޭސް ފޮނުވަން ފަށާފައެވެ. މި ހޮޅިން ދުވާލެއްގެ މައްޗަށް ހަތް މިލިއަން ކޮޑިމީޓަރުގެ ގޭސް ފޮނުވޭނެއެވެ. ނަމަވެސް މިހޮޅިން މިވަރަށް ގޭސް ފޮނުވަން އަދި ދެއަހަރެއްހާ މުއްދަތު ނަގާނެއެވެ.
މިހާރު ފޮނުވަނީ ދުވާލެއްގެ މައްޗަށް މިލިއަނެއްހާ ކޮޑިމީޓަރުގެ ގޭހެވެ. މިއީ އަދި ޔޫރަޕަށް ބޭނުންވާ ވަރަށް ވުރެ ކުޑަ މިންވަރެކެވެ. މިހޮޅި ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. މިހޮޅިން ނޯވޭގެ ގޭސް ޔޫރަޕަށް ލިބުނު ނަމަވެސް ޔޫރަޕުން ރަޝިއާގެ ގޭހަށް ބަރޯސާވުން ހުއްޓުމަކަށް އައުމަށް މަދުވެގެން ހަތަރު ވަރަކަށް އަހަރު ނަގާނެކަމަށް ހަކަތައިގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
"ބޯލްޓިކް ޕައިޕް"ގެ ބޭނުން ޔޫރަޕަށް ބޮޑުވެފައިވަނީ ރަޝިއާއިން މިއަހަރުގެ ފެބްރުއަރީ މަހު ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނެވެ. މިފިޔަވަޅުތަކާއެކު ރަޝިއާ ވެސް ވަނީ ރަޝިއާގެ ގޭހަށް ޔޫރަޕް ނޫން ބާޒާރުތައް ހޯދުމަށްފަހު ޔޫރަޕަށް ފޮނުވާ ގޭހުގެ މިންވަރު ވަރަށް ބޮޑަށް މަދުކޮށްލާފައެވެ.
އަނެއްކޮޅުން ބޯލްޓިކް ކަނޑު ހުރަސްކޮށް ރަޝިއާއާއި ޖަރުމަނާ ދެމެދު އަޅާފައިވާ ގޭސް ދެ ހޮޅި ކަމަށްވާ ނޯޑް ސްޓްރީމް ވަން އާއި ނޯޑް ސްޓްރީމް ޓޫ މީގެ ދިހަވަރަކަށް ދުވަސްކުރިން ވަނީ ޑެންމާކުގެ ކައިރިން ގޮވާފައެވެ. މިއާއެކު ނޯޑް ސްޓްރީމް ވަން އިން ރަޝިއާގެ ގޭސް ޔޫރަޕަށް ފޮނުވުން ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ.
ރަޝިއާއިން ޔުކްރެއިނަށް ހަމަލާދީ ހަނގުރާމަ ފެށީ ނޯޑް ސްޓްރީމް ޓޫ އިން ގޭސް ފޮނުވަން ފެށުމުގެ ކުރިން ކަމަށް ވާތީ އެ ހޮޅިން މިހާތަނަށް އެއްވެސް ވަރަކަށް ގޭސް ފޮނުވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ޔުކްރެއިން ހުރަސްކޮށް ރަޝިއާއިން ޔޫރަޕަށް އަޅާފައިވާ ދެ ހޮޅިއާއި ކަޅުކަނޑު ހުރަސްކޮށް ރަޝިއާއިން ތުރުކީއަށް އަޅާފައިވާ ގޭސް ހޮޅިން ރަޝިއާ ޔޫރަޕަށް ގޭސް ފޯރުކޮށްދެމުން ގެންދެއެވެ.
ރަޝިއާއިން ބޯލްޓިކް ކަނޑު ހުރަސްކޮށް ޖަރުމަނަށް އަޅާފައިވާ ގޭސް ދެހޮޅި (ނޯޑް ސްޓްރީމް ވަން އަދި ޓޫ) ހަލާކުކޮށްލިކަމުގެ ތުހުމަތު ރަޝިއާއިން ކޮށްފައިވަނީ އެމެރިކާގެ މައްޗަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމަ ކުރިޔަށްގެންދާނަމަ ނޯޑް ސްޓްރީމްގެ ހޮޅިތައް ހަލާކުކޮށްލާނެކަމަށާއި އެކަން ކުރުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ހުރިކަމަށް ވިދާޅުވެފައެވެ.
ބޯލްޓިކް ކަނޑުގައި ނޯޑް ސްޓްރީމްގެ ހޮޅިތައް ހަލާކުވެފައިވާ ސަރަހައްދަކީ އެމެރިކާގެ ޖާސޫސީ އިދާރާގެ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. އެސަރަހައްދުގައި ދާދިފަހުން އެމެރިކާވަނީ ބޯލްޓިކްގެ ގައުމުތަކާއެކު ކަނޑުގެ ސިފައިންގެ އަސްކަރީ ތަމްރީންތަކެއްވެސް ހިންގާފައެވެ. ނަމަވެސް އެދެހޮޅި ހަލާކުކޮށްލިކަމަށް ރަޝިއާއިން އެމެރިކާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެމެރިކާ ވަނީ އިންކާރުކޮށްފައެވެ.
ރަޝިއާ ބުނާގޮތުން ރަޝިއާގެ ގޭސް ހޮޅިތައް ހަލާކުކޮށްލުމުގައި އެމެރިކާގެ ބޭނުމަކީ ރަޝިއާގެ ގޭހަށް ޔޫރަޕް ބަރޯސާވުން މުޅިން ހުއްޓުމަކަށް ގެނަސް އޭގެ ބަދަލުގައި އެމެރިކާގެ ގޭހަށް ޔޫރަޕް ބަރޯސާ ކުރުވުމެވެ. މިހެންވެއްޖެނަމަ މިހާރަށްވުރެވެސް ބޮޑަށް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ޔޫރަޕް ދާނެއެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ ވަނީ ވަރަށް ބޮޑަށް ޔޫރަޕަށް އަތްގަދަކޮށްފައެވެ. އެމެރިކާގެ އަސްކަރީ ބޭސްތައް ޔޫރަޕްގެ އެތައް ގައުމެއްގައި ގާއިމްކޮށްފައިވާއިރު އެމެރިކާގެ ސިފައިންގެ އެތައް ލައްކަބަޔަކާއި އެމެރިކާގެ ބަރު ހަތިޔާރުތައް ޔޫރަޕްގައިވަނީ ރުކުރުވާލާފައެވެ.