ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ ސުލްހަ މަސަލަސްކަމާ: ރައީސް

ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެ ގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ސުލްހަ މަސަލަސްކަމާއި، އަމާންކަމެއްގެ މައްޗަށް ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤުވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާ ގުޅިގެން ދެއްވި މެސެޖްގައެވެ.

ރައީސް ވިދާޅުވީ ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެރެއިން ގެނެވޭ ބަދަލަކީ އޭގެ ފަހަތުގައި ސުލްހައާއި އަމަން އަމާންކަން ދެމި އޮންނަ ކަމެއް ނޫން ކަމަށެވެ.

ބައިނަލްއަޤުވާމީ އަހިންސަ ދުވަަހުގެ ބެޖު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

މި މެސެޖްގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަޤުވާމީ އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި، އަނިޔާވެރިކަމާ ދުރުވެ ތިބެ، އިޖުތިމާއީީ ގޮތުންނާއި ސިޔާސީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަށް މަސައްކަތްކުރަން ޖެހޭއިރު، އެ ކުރާ މަސައްކަތަކީ ގަދަބާރާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަމާ ދުރުވެތިބެ، ކުރާ މަސައްކަތަކަށް ހެދުން މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އަހިންސަ ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީގެ ފަރާތުން ރައީސަށް ވަނީ ދުވަހާގުޅޭ ބެޖެއް ހަދިޔާކޮށްފައެވެ.

ބައިނަލްއަޤުވާމީ އަހިންސަ ދުވަަހުގެ ބެޖު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ އަހިންސަ ދުވަހުގެ ގޮތުގައެވެ.

މި ދުވަހަކީ ސުލްހަވެރިކަމުގެ ސަޤާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އ.ދ އިން 2007 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

comment ކޮމެންޓް